ޖުމްހޫރީޕާޓީގެ ނާއިބު ލީޑަރާއި އިސްބައެއް ބޭފުޅުން އެމްޑީޕީއާ ގުޅިއްޖެ
ޖުމްހޫރީޕާޓީގެ ނާއިބު ލީޑަރެއް ކަމަށްވާ ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) އާއި، އެޕާޓީގެ އިސްބައެއް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޑރ. ޑީޑީގެ އިތުރަށް އެޕާޓީއާ ގުޅިވަޑައިގެންނެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަހުމަދު ޝަމްހީދާއި، ޖޭޕީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒާއި، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ހަމީދު (ފްލައި) އެވެ.
މީގެ އިތުރަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްބާރީ އަބްދުﷲ ވެސް މިއަދުވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޑރ. ޑީޑީއަކީ ކުރިން އެމްޑީޕީގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބެއިފުޅެކެވެ. މިބޭފުޅުންގެ ފޯމްތައް ރައީސް ނަޝީދާ ހަވާލު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކެވެ.
ޖުމްހޫރީޕާޓިގެ އިސްބޭފުޅުންކޮޅެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވަނީ ކޯފާވެވަޑައިގެން އެބޭފުޅުންނަށް މިއަދު ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ޑރ. ޑީޑީއަކީ ޖޭޕީއަށް ފޮނުވާފައި ހުރި ޖާސޫސެއް ކަމަށެވެ. ދެންތިއްބެވި ބޭފުޅުން އެމްޑީޕީއަށް ދިޔައީ ފައިސާއަށް ކަމަށް ވިދާޅުވިއެވެ.
ޖޭޕީގެ ކައުންސިލުގެ އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެއަށް ތަބާނުވެ އެބޭފުޅުން ޖޭޕީ ދޫކޮށް އެމްޑީޕީއަށް ދިޔައީ ޑިމޮކްރަސީ އެނގިވަޑައި ނުގަންނަވާތީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު