ސަރުކާރު ތެރެއިން ދައުރުވާ ކޮރަޕްޝަންގެ ފައިސާ ހުއްޓުވައި ރައްޔިތުންނަށް ޚިދުމަތްދޭނަން - ޤާސިމް
ސަރުކާރު ތެރެއިން ދައުރުވާ ކޮރަޕްޝަން ފައިސާ ހުއްޓުވާނެ ކަމަށާއި އެފައިސާއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ
ގދ. ފިޔޯރީގައި ޖުމްހޫރީޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަންގެ ޢަމަލު ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެފަދަ ކަމެއް ކޮށްފިމީހަކާ މެދު ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ތެރެއިން ކޮރަޕްޝަނުގެޢަމަލު ހިންގައިގެން ހޯދާފައިސާ ސަރުކާރަށް ނަންގަވާނެ ކަމަށެވެ.
ކުރީގެ ސަރުކާރުތަކުންވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ބަޖެޓުންޚަރަދު ކޮށްފައި ކަމަށް އޭނާވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ކޮރަޕްޝަނުގެ އަމަލު ހިންގައިގެން ހޯދާ ފައިސާ ސަރުކާރަށް ނެގުމަށް ފަހު ނުވަތަ އެފައިސާ ނެގުމުގެ މަގު ބަންދު ކުރުމަށްފަހު އާސަންދަ ފަދަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އާސަންދައިގެ ޚިދުމަތް ލިބުމުގައި ތަފާތުތަކެއް އެބަހުރި ކަމަށް އޭނާވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އޭނާ ވަޑައިގަންނަވާ ބައެއް ރަށްރަށުގައި ސައިންސް ސްޓްރީމަށް ކިޔަވައިނުދިނުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީވެސް ސަރުކާރުން ޙައްލުކޮށްދޭންޖެހޭނެ މައްސަލަަައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މިފަދަ ރަށްރަށުގައި ސައިންސް ސްިޓްރީމަށް ކިޔަވައިދިނުމުގެ ވަސީލަތް ގާއިމް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން އިގްތިސާދީ ވިސްނުން ބަދަލުކޮށް ކުޑަ ޚަރަދަކުން ރަނގަޅު އާމްދަނީއެއް ލިބޭނެގޮތްތަކެއް މިހާރުވަނީ ހޯދަން ޖެހިފައި ކަމަށެވެ.
މިޖަލްސާގައި ޤާސިމް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާކަން ރައްޔިތުން ވަރަށް ރަނގަޅަށް ދަންނަންޖެހޭނެ ކަމަށެވެ. އެހެން ކަމުން އެއްވެސް ބައެއްގެ ނުފޫޒާ ނުލައި އެމީހަކަށް އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓުދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރޭގެ ޖަލްސާގައި ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނު އުޅުއްވާނީ ހުރިހާ ލިސްޓެއްގެވެސް އެންމެ ކުރީގައި ކަމަށެވެ. އޭގެތެރޭގައި އިޚުލާސްތެރިކަމާއި އިހުސާންތެރިކަމާއި، ރާއްޖެއަށް ޚިދުމަތް ކޮށްދިނުމުގެ ލިސްޓުވެސް ހިމަނާފައިވެއެވެ.
ޤާސިމްގެ މިދަތުރަކީ ޖުމްހޫރީޕާޓީގެ މެނިސްފެސްޓޯއަށް ބޭނުންވާނެމަޢުލޫމާތު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ތަކުގައިވެސް އެމަނިކުފާނުވަނީ ރައްޔިތުންނަށް ބޭނުންވާބައެއްކަންކަން ކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު