މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ މިރޭގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

މިރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، މަޖިލީހުގެ އިދާރީ މޭޒުގެ ސިސްޓަމްތަކަށް ގެއްލުން ދީފައިވާތީ ޖަލްސާ މާދަމާ ހެދުނުނު 10.00 ގައި ބާއްވާ ގޮތަށް ހަމަ ޖައްސަވައިފިއެވެ.

މިރޭގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަޖިލީހުގެ އިދާރާގެ ކޭބަލްތައްވެސްވަނީ ހާލާކުވެފައެވެ. އެހެން ކަމުން އެތަންތަން މަރާމާތުކުރުމަށްފަހުގައި މެނުވީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ އިދާރާއިން މިރޭ ބުނެފައިވެއެވެ.

މިރޭ ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާވެސް މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ރިޔާސަތުން މެދުކަނޑާލައިލުމަށްފަހު މާދާމާއަށް މިހާރުވަނީ ފަސްކޮށްފައެވެ.

މިރޭގެ ޖަލްސާ މެދުކަނޑާލިއިރު ވާހަކަ ދައްކަމުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު ބައެއް މެންބަރުންވަނީ އޭނާގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކޮށް ވާހަކަ ދެއްކުމަށް ހުރަސް އަޅާފައެވެ.

މިރޭގެ ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވާހަކަ ދައްކަވަނިކޮށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ދުންމާރީއެއް ހިފައިގެން ގޮސް މައިކު ކައިރީގައި އަޑު ގަދަ ކޮށްފައެވެ. އެއާއެކު އެދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވުނެވެ. ނަމަވެސް އެހެން މެންބަރުން އެތަނަށް ގޮސް އެދެބޭފުޅުން ވަނީ ދުރުކޮށްފައެވެ.

އިލްހާމް ފުމެމުންދިޔަ ދުންމާރި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އަތުލެއްވުމުން އެދެބޭފުޅުންގެ މެދުގައިވެސް ހަމަނުޖެހުމެއް އުފެދުނެވެ. އަދި އެހެން މެންބަރުންވެސް އެދޭތެރެއަށް ވަދެފައިވެއެވެ. އޭގެ ސަބަބުން ހަމަނުޖެހުން ބޮޑުވިއެވެ.

މީގެ އިތުރަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ އިދާރީ މޭޒު މައްޗަށް އަރުއްވާފައެވެ. އޭނާ އެތާ ހުންނަވަނިކޮށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަލީ ވަހީދު ވަނީ އޭނާ ކޮއްޕާލާފައެވެ. ނަމަވެސް އޭނާ ވެއްޓުމުގެ ކުރިން ޕީޕީއެމްގެ މެންބަރުން ހިފަހައްޓާފައެވެ. އެއަށްފަހު އަލީ ވަހީދާއި، އަބްދުއްރަހީމާ ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ.

މެންބަރުން އަޑު ގަދަކޮށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ހުރަސް އަަޅަން ފެށުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އަންގަވާފައެވެ. މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން ތަކުރާރުކޮށް އެންގެވި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން އިއްވާފައެއް ނުވެއެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޝާހިދު މަޖިލިސް ކުރިއަށް ގެންދެވީ ވަރަށް ހަމަޖެހިގެން ހިނިތުންވެ އިންނަވައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :