އެހެން ޕާޓީތަކުން ހިންގާފައިވާ ގާނޫނާ ޚިލާފު އަމަލުތައް ފުލުހުންގެ ވެރިން ގެންދަނީ ފޮރުވަމުން- އެމްޑީޕީ
އެހެން ބައެއް ޕާޓީތަކުން ކޮށްފައިވާ މުޒާހަރާގައި ހިންގާފައިވާ ގާނޫނާއި އަދި އިންސާނިއްޔަތާއި ޚިލާފު އަމަލުތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ މިހާރުގެ އިސްވެރިން ގެންދަނީ ފަސްއަޅައި ފޮރުވަމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ އެމްޑީޕީން މިހާރު ކުރަމުންދާ ސުލްހަވެރި ސިލްސިލާ މުޒާހަރާ ތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދާކަމަށް ފުލުހުން ބުނެފައިވާތީ އެކަން ކުށްވެރި ކުރުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެބާނުގައި ބުނެފައިވަނީ ލަކުޑި ބުރިތަކާއި ދަގަޑުބުރިތައް ބޭނުންކޮށްގެން މުޒާހަރާ ކުރުމަކީ އިދިކޮޅު ސިޔާސީ އެހެން ޕާޓީތަކުން ކުރާ ކަމެއްކަން އެފަރާތްތަކުންވަނީ މީޑިއާ ކުރިމަތީގައި ދައްކާފައި ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ފެބުރުއަރީމަހު ސިޔަސީ ޕާޓއަކުން ކުރި މުޒާހަރާތަކުގައި ލަކުޑި ބުރިތަކާއި އެހެނެހެންވެސް އާލަތްތައް ބޭނުންކުރިކަމަށް އެ ޕާޓީގެ އިސް ލީޑަރަކު މީޑިއާތަކުގެ ކުރިމަތީގައި ހާމަކޮށްފައިވާ ކަމަށެވެ. އެމްޑީޕީން އެބުނަނީ ޕީޕީއެމްގެ ކުރީގެ ޑެޕިޔުޓީ ލީޑަރު އުމަރު ނަސީރުގެ ވާހަކައެވެ.
"އެކަން ކަމަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި އެ މުޒާހަރާ ތަކުގައި ގާނޫނާއި އަދި އިންސާނިއްޔަތާއި ޚިލާފު އެތަކެއް އަމަލުތަކެއް ހިންގާފައިވާއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ މިހާރުގެ އިސްވެރިން އެކަންކަން ފަސްއަޅާ ފޮރުވަމުން ދާކަންވެސް ފާހަގަ ކުރަމެވެ،" އެބަޔާނުގައި ވެއެވެ.އެމްޑީޕީން މިހާރު ކުރަމުދާ މުޒާހަރާ ތަކަކީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު އަވަސް ކޮށްދިނުމަށް އެދި ގޮވާލައި ބާއްވާ މުޒާހަރާތަކެކެވެ. އިންތީޚާބު ފަސްކޮށްފައިވަނީ ފުރަތަމަ ބުރުގައި ވޯޓުއޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީކޯޓުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި މައްސަލައާ ގުޅިގެން އެކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.
އެމްޑީޕީން ބުނެފައިވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. "އެކަމަކީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ދެކި، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އަމަން އަމާން ކަމާއި، ސުލްހަޔާއި ކުރިއެރުމަށް ހުރަސް އެޅޭނެތީ އިންތިހާބުގެ ތާރީހެއް ހޯދުމަށް އެދުވަހުން ފެށިގެން މިޕާޓީން މިދަނީ ސުލްހަވެރިކަމާއި އެކު އިހްތިޖާޖް ކުރަމުން،" ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެޕާޓީއަކީ "ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާ ހޯދައިދީ ތާހިރު ދިރި އުޅުމަކަށް މަގުފަހިކޮށްދިނުމަށް" އަބަދުވެސް ގޮވާލަމުންދާ ޕާޓީއެއް ކަމަށެވެ. "އެކަންކަމަށް ގޮވާލާ މި ޕާޓީން ބާއްވާފައިވާ އެއްވެސް މުޒާހަރާއެއްގައި ގާނޫނު އަސާސީއާއި ޚިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ވާހަކަ ދަންނަވަމެވެ. މިޕާޓީއަކީ އެއްވެސް އިރެއްގައި ގާނޫއަސާސީ އާއި ޚިލާފު އަދި އަނިޔާވެރި އަމަލުތައް ހިންގުމަށް ހިއްވަރުދީ އެފަދަ ކަންކަން ކުރާނެ ޕާޓީއެއް ނޫން ކަމުގައިވެސް ދަންނަވަމެވެ،" އެބަޔާނުގައިވެއެވެ.
އެހެން ކަމުން ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓާ ރައްޔިތުންނަށް އަދުލުވެރި އިންތިހާބެއް ހޯދައިދިނުމަށް އެޕާޓީން ކުރަމުންދާ މަސައްކަތް ކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއާއި އިސްލާމީ ރިވެތި އުސޫލުތައް ރާއްޖޭގައި ގާއިމު ކުރުމަށް ކުރަމުން ދާ މަސައްކަތް "ފަސްޖެހުމެއްނެތި ކުރިޔަށް ގެންދާނެކަމުގައި" ވެސް އެޕާޓީން ބުނެފައިވެއެވެ. އެޕާޓީން ހިންގާ އެއްވެސް ހަރަކާތެއްގައި ގާނޫނު އަސާސީ އާއި ޚިލާފު އެއްވެސް އަމަލެއް ނުހިންގާނެ ކަމަށްވެސް ބުނެފައިވެއެވެ. "މި ޕާޓީގެ ސުލްހަވެރި ހަރަކާތްތައް އަނިޔާވެރި ކަމާއެކު ރޫޅާލުމަށް ފުލުހުންގެ ތެރެއިން މަދު ބަޔަކު ކުރަމުންދާ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހުށްޓާލުމަށް އެފަރާތްތަކަށް ގޮވާލަމެވެ،" އެބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު