ޕީޕީއެމްގެ މެންބަރުން ތަކެއް އެމްޑީޕީއަށް ދާން އުޅޭ ކަމެއް އަޅުގަނޑަށް އެނގިފައެއްނެތް- އަޒީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެ ވަޑައި ގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެމްޑީޕީއާ ގުޅެން އުޅޭ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ތަކެއް ވަރަށް އަވަހަށް އެމްޑީޕީއާ ގުޅޭނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިރޭ ވިދާޅުވުމުން އެކަމާ ސުވާލު ދެންނެވުމުންނެވެ. އޭނާ ވިދާޅުވީ "ރައީސް ނަޝީދު ތިޔަހެން ވިދާޅުވިތޯ؟ އަޅުގަނޑަކަށް ހަމަގައިމުވެސް ނޭނގޭ. ހަމަގައިމުވެސް އަޅުގަނޑު ނޫޅެން އެމްޑީޕީއަށް ސޮއިކުރަން،" އަޒީ ވިދާޅުވިއެވެ.
ކޯރުކެނޑި މަގުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލު ވުމުގައި ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ތަކެއް ވަރަށް އަވަހަށް އެމްޑީޕީއާ ގުޅިވަޑައި ގަންނަވާނެ ކަމަށެވެ. އެމްޑީޕީއަށް ރައްޔިތުން ކުރަމުންދާ ތާއީދު މިހާރު އަންނަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޕީޕީއެމްގެ މެންބަރުންތަކެއް އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް އެއީ ކޮންމެންބަރުންނެއް ކަމެއް ވިދާޅެއް ނުވެއެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް އެސްއެމްއެސް އެއް ކުރުމުން އަދި ޖަވާބެއް ދެއްވާފައި ނުވެއެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއި ކުރައްވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއްވެސް ވަރަށް ފަހުންވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އަދި ހަގީގަތަކަށް ވެފައެއް ނުވެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މެންބަރެއް އެމްޑީޕީއަށް ވަޑައިގަންނަވަން ނޫޅުއްވާ ކަމަށެވެ. ރައީސް ނަޝީދުގެ އެވާހަކަ ފުޅުތަކަކީ ސިޔާސީ ގޮތުން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު