ސިފައިންގެ 6 ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ

މޯލްޑިވްސް ނެޝެނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގެ 6 ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ކުރީގެ ހެޑް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ނިލާމާއި "ސިފައިންގެ 5 ބޭފުޅުން ސާބިތު ނުހިފޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ސިފައިންގެ ޚިދުމަތުން ޤަނޫނުތަކާއި ޚިލާފަށް ވަކިކޮށްފައިވާތީ އެކަން ހަރުއަޑުން ކުށްވެރި" ކުރާ ކަމަށެވެ.

ނިލާމް މަގާމުން ވަކިކޮށްފައިވަނީ ބްރިގޭޑިއާޖެނެރަލްގެ ރޭންކުން ކާނަލެއްގެ ރޭންކަށް ބަދަލު ކުރުމަށްފަހުގައެވެ. ސިފައިންގެ ވަޒީފާއިން ނިލާމް ވަކިކުރައްވާފައިވަނީ "ސިފައިންގެ ވާޖިބާއި އަޚްލާޤީ ހަމަތަކާ ޚިލާފުވުމާއި، ސިފައިންގެ ޖެނެރަލް އޮފިސަރެއްގެ ފަރާތުން ފެނިގެން ނުވާނެފަދަ ޢަމަލުތައް ތަކުރާރުވުމާއި، ޤަވާއިދާއި ޚިލާފަށް ސިފައިންގެއާއިބެހޭ ސިއްރު މަޢުލޫމާތު ހާމަކުރުމާއި، ސިފައިންގެ ޢިއްޒަތާއި ކަރާމާތް ގެއްލުވާލައި، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަމުން ގެންގޮސްފައިވާތީ" ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވާފައިވެއެވެ.

ނިލާމުގެ އިތުރަށް މިމަހުގެ 25 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ ފަސްޓް ލެފްޓިނަންޓްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޝަރީފާއި، ސާޖަންޓް ފަސްޓްކްލާސްގެ މަޤާމުގައި ހުންނެވި ޢަލީ ވަޙީދާއި، ސްޓާފް ސާޖަންޓްގެ މަޤާމުގައި ހުންނެވި، އިބްރާހީމް ޢަލީއާއި، ސްޓާފް ސާޖަންޓްގެ މަޤާމުގައި ހުންނެވި ޙަސަން ޙަމީދާއި، ލާންސް ކޯޕްރަލްގެ މަޤާމުގައި ހުންނެވި ޝަހުރާބު ރާޝިދެވެ.

މިބޭފުޅުންގެ ތެރެއިން ޢަބްދުﷲ ޝަރީފާއި ޢަލީ ވަޙީދާއި އިބްރާހީމް ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ޚިލާފު ވެފައިވާތީ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވާފައިވެއެވެ. ޙަސަން ޙަމީދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ އަޚުލާޤާއި ސުލޫކާ ޚިލާފުވެފައި ވާތީ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. ޝަހުރާބު ރާޝިދު ވަޒީފާއިން ވަކިކޮށްފައި ވަނީ ސިފައިންގެއާ ބެހޭ ސިއްރު މަޢުލޫމާތު ޢާންމު ކޮށްފައިވާތީ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިބޭފުޅުންނަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ސިޔާސީ މަޤްޞަދެއް ޚާސިލްކުރުމުގެ ބޭނުމުގައި މި ބޭފުޅުން ސިފައިންގެ ޚިދުމަތުން ވަކިކުރުމަކީ ސިފައިންގެ މުއައްސަސާއަށް ލިބޭނެ ނިކަމެތި ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

"ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު އިންތިހާއަށް ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިކަން ކުރެއްވުމަކީ އެ މުވައްސަސާއާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދި ގެއްލިފައިވާ އިތުބާރު އަލުން އަނބުރާ ހޯދުމަށް ގޮންޖެހުމެއް ކަމަށްވެސް ވެގެންދާނެކަމަށް މިޕާޓީން ޤަބޫލުކުރަމެވެ.،" އެބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ފާއިތުވީ ދެ އަހަރެއްހާ ދުވަހު ރާއްޖޭގައި ހިނގާފައިވާ ސިޔާސީ ހަލަބޮލިކަމަށް ޙައްލު ހޯދުމަށް ޤާނޫނު އަސާސީ ދެމެހެއްޓުމަށް ދިވެހި ސިފައިންވެސް އެކި ގޮތްގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :