ސަރުކާރު ހިންގެވުމުގައި އެމްޑީޕީން ރީތި މިސާލެއް ދައްކާނަން: އިބޫ
ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ ރީތި މިސާލެއް ދައްކަވާނެ ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހް (އިބޫ) މީޑިއާގައި ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސެއްގެ ހައިސިއްޔަތުން ރައްޔިތުންވަނީ ޔާމީނާ ޒިންމާތަކެއް މަތިކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ރައީސް ޔާމީނަށް އިދިކޮޅުޕާޓީގެ އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީ އޮތީ އެކަން ކުރެއްވުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވެފައިވަނީ ޔާމީން އެކުލަވާލާ ކެބިނެޓްގައި ގާބިލް ބޭފުޅުން ތިއްބެވި ކަމަށްވާނަމަ މަޖިލީސް ތެރެއިން އެބޭފުޅުންނަށް ރުހުން ދެއްވާނެ ކަމަށެވެ. ރައީސްގެ ހައިސިއްޔަތު ޔާމީން ކުރައްވަން ބޭނުންފުޅުވާ ކަންކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވައި އެކަމަކީ އެޕާޓީއަށްވެސް ބަލައިގަނެވޭ ފަދަ ކަމެއް ކަމަށްވާނަމަ އެކަމެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ގަބޫލުކުރަން ޔާމީނަކީ ރައްޔިތުންގެ އަޣުލަބިއްޔަތުން ރައްޔިތުން ބޭނުންވެގެން ހޮވާފައިވާ ވެރިއެއް ކަމަށް. އެހެންވީމާ އަޅުގަނޑު މިހުރީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕާއި ވާހަކަ ދައްކައިގެން ޔާމީންގެ ވައުދުތައް ފުއްދަން އެހީތެރިވެދޭން" ވީ ނިއުސްގައި އިބޫ ވިދާޅުވެފައިވެއެވެ.
އިބޫ ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް ރައީސް ޔާމީން ބޭނުންފުޅުވާ ބަދަލުތައް ގެނައުމަށް ކޮމިޓީ މަރުހަލާގައި ފުރުސަތު ދެއްވާނެ ކަމަށެވެ. އެމަނިކުފާނަކީ އިގްތިސާދީ ދާއިރާގެ ބޭފުޅަކަށްވާތީ ބަޖެޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު