އިންތިޚާބު ބޭއްވުމަށް ކެންޑިޑޭޓުން އެއްބަސްވެ ވަޑައިގެންފި

އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހުރިހާ ކެންޑިޑޭޓުން އެއްބަސްވެ ވަޑައިގެންފިއެވެ.

ކެންޑިޑޭޓުން މިކަމަށް އެއްބަސްވުމުގެ ކުރިން މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަނީ ރައީސް އޮފީހުގައި މިބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. މިބައްދަލު ވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންވެސް އިންތިޚާބު ބޭއްވުމަށް ޓަކައި ވޯޓާސް ލިސްޓުގައި ސޮއިކުރެއްވުމަށް އެއްބަސް ވެފައި ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު ބާތިލް ކުރި އިންތިޚާބަށްފަހު ބާއްވަން އުޅުނު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްވަނީ އެފަހަރުވެސް ވޯޓާސް ލިސްޓުގައި ސޮއިކުރައްވާފައެވެ.

ރައީސް ވިދާޅުވީ ތިން ކެންޑިޑޭޓުންވެސް ވޯޓާސް ލިސްޓުގައި ސޮއިކުރެއްވުމަށް އެއްބަސްވެ ވަޑައިގެންނެވުމުން އެކަމަށް އުފާކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށްޓަކައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ފުރަތަމަ ބުރުން ރައީސަކު އިންތިޚާބު ނުކުރެވިއްޖެ ކަމަށްވާނަމަ ދެން ކަންތައް ކުރައްވާނެ ގޮތަކާމެދުވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ދެވަނަ ބުރު ނޮވެންބަރު 10 ވަނަ ދުވަހު ނުވަތަ 11 ވަނަ ދުވަހު ބޭއްވެވުމަށް ކެންޑިޑޭޓުންނަށް އެއްބަސްވެ ވަޑައިގެންނެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދަނޑިވަޅަކީ ވަރަށް ނާޒުކު ވަގުތެއް ކަމަށެވެ. ނޮވެންބަރު 11 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ނުކުރެވިއްޖެނަމަ، ނުކުންނާނެ މައްސަލަތައް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހާލަތުގައި ދިމާވާ ކަންކަން ޙައްލުކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 މިއަދު ހަވީރު ރައީސް ވަހީދު ވަނީ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ވެސް ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ވުމުގައި ރައީސް ވިދާޅުވެފައިވަނީ އިންތިޚާބު ވީހާވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނޮވެމްބަރު 10 ނުވަތަ 11 ގައި ބޭއްވުމަށް ކެންޑިޑޭޓުންވެސް ބޭނުންވާތީ އެގޮތަށް އެކަން ކޮށްދެއްވުމަށް އެމަނިކުފާނު އެދި ވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :