ސޮއިކުރުމުގެ ކުރިން އިންތިޚާބު ނުބޭއްވުމުގެ އަމުރަކަށް ޖޭޕީން އެދެފި
ވޯޓުލާމީހުންގެ ފައިނަލް ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުން ސޮއި ނުކުރަނީހެއް އިންތިޚާބު ބާއްވައިގެން ނުވާނެ ކަމުގެ އަމުރަކަށް އެދި ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ފަރާތުން ސްޕްރީމް ކޯޓަށް މިރޭ ހުށަހަޅައިފިއެވެ.
ޖޭޕީގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ އެބޭފުޅުން މިކަމަށް ސްޕްރީމްކޯޓުގެ އަމުރަކަށް އެދުނީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިނުކުރެއްވިޔަސް މާދަމާ އިންތިޚާބު ބޭއްވުމުގެ ފިކުރު އިލެކްޝަންސް ކޮމިޝަނުން ގެންގުޅުއްވާތީއެވެ.
ހަލީމް ވިދާޅުވީ އަދިވެސް ވޯޓާސްލިސްޓް ޗާޕްކޮށް ނުނިމޭ ކަމަށެވެ. ނުނިމޭ ލިސްޓުގައި ޖޭޕީގެ ކެންޑިޑޭޓުގެ ފަރާތުން ސޮއި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެލިސްޓް ޗާޕްވެ ފައިނަލްވުމުން ސޮއިކުރަން "އަޅިގަނޑުމެން މިތިބީ ތައްޔާރަށް" ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖޭޕީން އެދިފައިވާނީ ސްޕްރީމްކޯޓުން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ގައިޑުލައިންތަކުގެ ތެރެއިން ފަސްވަނަ ނުކުތާގައި ހިމެނޭ ކަންކަން ފުރިހަމަ ކޮށްގެން ނޫނީ އިންތިޚާބު ނުބޭއްވުމުގެ އަމުރަކަށް ކަމަށެވެ. މިހުށަހެޅުން އެކޯޓުން ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ސްޕްރީމްކޯޓުން ބުނެފައިވަނީ ފައިނަލް ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށެވެ. އޭގެ ބޭނުމެއް ކަމަށް ބުނެފައިވަނީ އެނޫން އެހެން ލިސްޓެއް އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭނެކަން ޔަގީން ކުރެއްވުމަށް ކަމަށްވެސް ސްޕްރީމްކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
މާދަމާ ވޯޓުލުމަށް ތައްޔާރު ވަމުންދާއިރު ޖޭޕީއާއި، ޕީޕީއެމްއިން ބުނެފައިވަނީ ވޯޓާސް ލިސްޓްގެ ސައްހަކަން ކަށަވަރު ނުވަނީސް ސޮއި ނުކުރެވޭނެ ކަމަށެވެ. އެއީ ވޯޓަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހައްގެއް ކަމަށާއި އެފަދަ ހައްގެއް އަދާކުރާއިރު އެންމެ ފުރިހަމަ ގޮތުގައި އެހައްގު އަދާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ކަމަށްވެސް އެދެޕާޓީން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލިސްޓްގެ ސޮފްޓްކޮޕީއެއް މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެދެޕާޓީއަށް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު