ރަޖިސްޓްރީ ކުރަންޖެހޭނީ ވޯޓުލާތަން ބަދަލުވާ މީހުންނާއި ކުރިން ރަޖިސްޓްރީ ކޮށްފައި ނުވާމީހުން: އިލެކްޝަން
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިމަހުގެ 19 ވަނަ ދުވަހު އަލުން ބާއްވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައެވެ.
އެކޮމިޝަނުން ބުނެފައިވަނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މާދަމާރޭ 12.00 އަށް ކަމަށެވެ. އެހެން ކަމުން މިއަދު ހަވީރު 6.00 އިން މިރޭ 12.00 އަށް އެކޮމިޝަނަށް ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމުތައް ބަލައިގަންނާނެއެވެ. އަދި މާދަމާ ހެނދުނު 9.00 އިން މާދަމާރޭ 12.00 އަށް ހުށަހަޅާ ފޯމްތައްވެސް ބަލައިގަންނާނެ ކަމަށް ބުނެފައިވެއެވެ.
އެކޮމިޝަނުން ބުނެފައިވަނީ މިފަހަރު ރަޖިސްޓްރީ ކުރަން ޖެހޭނީ ކުރިން ރަޖިސްޓްރީ ނުކޮށްތިބި މީހުންނާއި ވޯޓުލާތަން ބަދަލުވާ މީހުން އެކަނި ކަމަށެވެ. އެހެން ކަމުން ކުރިން ރަޖިސްޓްރީ ކޮށްފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު ކުރުކަމުން އެމުއްދަތު ދިގު ކުރުމަށް ޕީޕީއެމްއިންވަނީ އިލެކްޝަނުގައި އެދިފައެވެ. އެޕާޓީން މިގޮތަށް އެދުނީ މުއްދަތު ކުރުވުމުން އާއްމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކައުންސިލް މެންބަރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވާއިރު އެމްޑީޕީންވަނީ އެމީހަކު "ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސް ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން ވަރަށް މުހިންމު ކަމުގައި" ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު