އަޅުގަނޑުމެން އަޅުވެތި ކުރުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކު ތަޅާތިރި އަރުވާލާނަން-ޑރ. ސައުދު

ދިވެހިރާއްޖެއާ ދިމާކޮށް ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކު އެތެރެއިންނާއި ބޭރުން "ތަޅައި ތިރިއަރުވާލާނެ" ކަމަށް ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް އިންޑިއާ ސިފައިން އައުމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސައުދުވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތު މެދުވެރިކޮށް އާރުޓޫޕީ ގެ ދަށުން އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށް ޑރ. ޝަހީދު ގޮވަލެއްވުމުން ޝަހީދުގެ "އެކަހަލަ ހަމަނުޖެހޭ ވާހަކަތަކާ ހެދި" ނުބައި ފިޔަވަޅެއް ނޭޅުމަށް އިންޑީއާއަށް ޑރ. ސައުދު ރޭ ގޮވައި ލެއްވިއެވެ.

 "އިންޑިއާގެ ފޮރިންމިނިސްޓްރީއަށްވެސް އަދި މިތާގައި (ރާއްޖޭގައި) ހުންނެވި އިންޑިއާގެ ސަފީރަށްވެސް މިދަންނަވާލަނީ އެކަހަލަ ހަމަނުޖެހޭ ވާހަކަތަކާ ހެދި ފަހަރެއްގާވެސް އޮޅިގެންވެސް ނުބައި ފިޔަވަޅެއް ނާޅުއްވައްޗޭ،" ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މާތްﷲ ގެ ވާގިފުޅާއެކީގައި އަޅުގަނޑުމެން ސޮއިކޮށްފައިހުރި ބައިނަލް އަގުވާމީ މުއާހަދާތަކާއި އަޅުގަނޑުމެން ބައިވެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާ ތަކާއި، އަޅުގަނޑުމެންނާ ގުޅުންއޮތް ބައިނަލްއަގުވާމީ ދުނިޔޭގެ އެކިއެކި ގައުމުތަކާ އޮތް ގުޅުމުގެ ތެރެއިން ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅަށް އަޅުގަނޑުމެން އަޅުވެތި ކުރުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކު އަޅުގަނޑުމެން އެތެރެއިންނާއި ބޭރުން ތަޅާތިރި އަރުވާލާނަމޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ހައްލު ކުރުމަށްޓަކައި އާރުޓޫޕީގެ ދަށުން ކޮމަންވެލްތުން ކޮންމެހެން ބަޔަކު ގެންނާކަށް ނުޖެހޭނެ ކަމަށެވެ. މިހާރު ހިނގަމުންދާ ކަންކަމަކީ ދިވެހިންގެ އަމިއްލަ ކަމެއް ކަމަށާއި އެކަން ދިވެހި ރައްޔިތުން ހައްލު ކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :