އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރެވޭނެ- ރައީސް
ދިވެހިންނަށް ދިވެހިންގެ ކަންކަން ހައްލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރެވޭނެ. ދިވެހިންނަކީ މިއަށްވުރެ މާ އުނދަގޫ ކަންކަން މީގެކުރިން ސުލްހަވެރިކަމާއެކު ނިންމާފައި ތިބި މީހުން. ނަމަވެސް، ކަންކަން ޙައްލުނުކުރެވި، ދިގުދެމިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން ބޭނުންވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އެވިދާޅުވީ އިންތިޚާބާ ގުޅިގެން ރާއްޖޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ވާހަކައެވެ. އެމަނިކުފާނު ވިދާޅުވީ "ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާމެދު ސުޕްރީމް ކޯޓުގެ ނިންމެވުމެއް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނެރުއްވައި ދެއްވުމަކީ، މައްސަލަ ފިނިކުރުމަށްޓަކައި އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ. އަދި ހަމައެހެން، ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ޙަޤީޤީ ހެކިތަކެއްހުރި ކަންތައްތައް ކަމަށްވާނަމަ، އެކަން ސާބިތުކުރެވުމަކީ، މި މައްސަލަ ޙައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން މަސައްކަތް ކުރާނެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުން އުފެދި، ޤައުމު ހާލުގައި ޖެހޭ ހިނދެއްގައި، އެކަމުން ސަލާމަތް ކުރުމަށް ބޭރުގެ އެހީއަށް ބޭނުންވާތީ،" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ބައެއް މީހުން ގެންދަނީ ބޭރުގެ އެހީތެރިކަމަށް އެދެމުން ކަމަށެވެ. ބޭރުގެ ސިފައިން ރާއްޖެއަށް ގެނައުމަށް ނުވަތަ ރާއްޖޭގެ ވެރިކަމާ ތޮޅުމަށް ގޮވާލާ ފަރާތްތަކުގެ ގޮވާލުންތައް "އަޅުގަނޑު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އެފަދަ ގޮވާލުމަކަށް އަޅުގަނޑުމެން ޖެހިލުމެއްނުވޭ. އަދި ދިވެހިރާއްޖޭގެ ވެރިކަމާ ކުޅެން ދިމާކުރާ ބޭރުގެ ފަރާތަކުން ރާއްޖެ ސަލާމަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަނުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އެކަން ރައްޔިތުންނާއި، ސިޔާސީ ބޭފުޅުންނަށް ހަނދުމަފުޅުކޮށް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ މުއައްސަސާތަކަކީ، ޢުމުރުން ހަގު، މުޅިން ފުރިހަމަނުވާ މުއައްސަސާ ތަކަކަށްވިޔަސް، އެއީ މިޤައުމުގެ އަމިއްލަ މުއައްސަސާތައް. އެތަންތަން ނިކަމެތިކޮށް އަގުވައްޓާލުމުން، އޭގެ ބަދަލުގައި ބޭރުގެ ފަރާތްތަކުން ގޮތްތައް ނެރެން އުޅުމަކީ، ދާދި ގާތުގައި އޮންނަ ކަންކަން. ވީމާ، ދިވެހިންގެ ކަންކަން ނިންމުމުގައި، ދިވެހިންނަށް ގޮތް ކަނޑައެޅޭނީ، މިޤައުމުގެ ދުސްތޫރާއި، އެ ދުސްތޫރުގެ ދަށުން ހެދިފައިވާ މުއައްސަސާތައް ޙިމާޔަތްކޮށްގެން. އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވެދީގެން. އެއްބަޔަކު އަނެއްބަޔަކު ހަލާކު ކުރަން މަސައްކަތް ކޮށްގެނެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިވަގުތަކީ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއްނޫން ކަމަށެވެ. އަދި އެއްބާރުން އަނެއްބާރަށް ހަމަލާދޭންވީ ވަގުތެއްވެސް ނޫންކަމަށެވެ. "ނިކަމެތި ދިވެހި ރައްޔިތުންނަށް ދައުލަތުން ދޭން ލާޒިމުކުރާ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފައްދަންވީ ވަގުތެއްނޫން. މިވަގުތަކީ، ހަމަބުއްދި އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފާރަވެރިވާންވީ ވަގުތު. އަޅުގަނޑުމެންގެ ސިޔާސީ އުންމީދުތަކަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު،" ކަމަށްވެސް އެމަނިކުފާނު ވިދާޅިވިއެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރައްވަނީ އިންތިޚާބާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. ސްޕްރީމް ކޯޓުން ނިޔާ އިއްވުމުން އެކަން ތަންފީޛު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އިންޞާފުވެރި އިންތިޚާބެއް ބޭއްވި، އިންތިޚާބު ކުރެވޭ ރައީސަކީ އަޅުގަނޑުމެން އެންމެންގެ ރައީސް. އެބޭފުޅަކަށް އަރުވަންޖެހޭ ހުރިހާ އެހީތެރިކަމެއް އަޅުގަނޑު ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ހަމަ އެފަދައިން، ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެ އެހީތެރިކަން ދޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.މިއަދުގެ ޚިތާބުގައި އެމަނިކުފާނު ވަނީ ޤައުމުގެ މަތީ މަޞްލަޙަތު އިސްކުރެއްވުމަށް ސިފައިންނާއި ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި ޤާނޫނީ ޙުކޫމަތެއް ޤާއިމުކޮށް ހިންގުމަށްޓަކައި އުފެދިފައިވާ މުއައްސަސާތަކަށް އިތުބާރު ކުރައްވައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމުގައި އިޚްލާޞްތެރިކަމާއެކު ދެމިތިއްބެވުމަށްވެސް ރައީސް ވަނީ އެބޭފުޅުންނަށް ގޮވާލައްވާފައެވެ.
ރުޅިވެރިކަމާއި، ނަފުރަތާއި، ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކާއި ޢިބާރާތްތައް، އެއްބަޔަކު އަނެއްބަޔަކަށް ވިދާޅުނުވުމަށް ސިޔާސީ ފަރާތްތަކަށް ރައީސް މިއަދު ގޮވައިކެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވިޔަ ނުދެއްވުމަށްވެސް ގޮވައިލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު