ގައްދޫ އަތޮޅު މަދުރަސާއިން ވޯޓުކަރުދާސް ތަކެއް ފެނުނު މައްސަލައެއް ބަލަން ފަށައިފި

ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ އަތޮޅު މަދުރަސާގެ ފާހާނާއެއްގެ ސީލިންގ މަތިން ވެރުނު ވޯޓުކަރުދާސް ތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާއިން ބުނީ މިރޭ ފުލުހުންނަށް ހުށަހެޅުނު އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ މިރޭ 8.00 އެހާކަންހައިއިރު ހިނގި މިހާދިސާގައި 16 ގަނޑު ވޯޓުކަރުދާސް ފެނިފައިވާ ކަމަށެވެ. ނަމަވެސް ބޮޑަށް ލަފާ ކުރެވެނީ އެއީ "ފޭކް" އެއްޗެއް ކަމަށެވެ. "ފުލުހުން ގެންދަނީ އެމައްސަލަ ބަލަމުން. އަޅުގަނޑަށް ލަފާކުރެވެނީ އެއީ ފޭކް އެއްޗެއް ކަމަށް. ކަރުދާސްތައް ހުރީ ކަތުރުން ކަފާފައި އަދައިގެ ޕްރިންޓަރަކުން ޕްރިންޓް ކޮށްފައި ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.

ރިޒާން ވިދާޅުވީ 16 ވަރަކަށް ވޯޓުކަރުދާސް ސީލިންގ މަތިން ފެނިފައިވާ ކަމަށް އަޑު ފެތުރިފައިވާ ކަމަށެވެ. އޭގެ ތެރެއިން 12 ކަރުދާސްކޮޅު އޭނާއަށް ފެނުނު ކަމަށެވެ. އެ ހުރިހާ އެއްޗެއްގައި ހުރީ ކޮންމެ ޕާޓީއެއްގެވެސް ލޯގޯ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ކަރުދާހުގައި މިހުންނަނީ ގާސިމްގެ ފޮޓޯއެއް. އަނެއް ތިންކެންޑިޑޭޓުންގެ ޕާޓީގެ ލޯގޯ. ނަމަވެސް މިރޭ ފެނުނު ކަރުދާސްތަކުގައި މުޅިންވެސްހުރީ ލޯގޯ،" އޭނާ ވިދާޅުވިއެވެ.

މިފެނުނު ކަރުދާސް ތަކުގައި ފާހަގަލާން ޚާއްސަކޮށްފައިވާ ގޮޅީގައިވަނީ ފާހަގަވެސް ލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ފެނުނު ކަރުދާސް ތަކުގެ ތެރެއިން ގިނަމީހުން ވޯޓުދީފައިވަނީ ރައީސް ނަޝީދަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަރުދާސްތައް ފެނުނީ ސްކޫލް ކުއްޖަކު ފާޚާނައަށް ވަދެފައި މޯޅިއަކަށް ދެމިލުމުން އެކުއްޖާގެ ބޯ ސީލިންގައި ޖެހި ގުޑުން އެރިވަގުތު ސީލިންގ މަތިން ކަރުދާސްތައް ފޭބުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ސީލިންގ ވަރަށް ތިރިވާނެ. އަދި އެހާމެ ބޮޑަށް ހަލާކު ވެފައި ހުންނާނީ. ކުއްޖެއްގެ ދަބަސްވެސް ވެއްޓޭހާ ބޮޑަށް ސީލިން ހަލާކުވެފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ކޯލިޝަނުން މިހާރުވެސްވަނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :