އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް އެމްޕީ އާޒިމް ގެންގޮސްފި
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ވަރަށް އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ދެންމެ ވިދާޅު ވެއްޖެއެވެ.
"އެފްޑީއައި ކައިރީގައި މިހާރު ހިނގަމުންދާ މުޒާހަރާގައި ޕިކަޕެއްގެ ތެރޭގައި އާޒިމް ވާހަކަ ދައްކަން ހުއްޓާ ފޯސް (ފުލުހުން) އައިސް ހިފައި ބިންމައްޗަށް ޖަހައި ވަރަށް އަނިޔާވެރިކޮށް އާޒިމް ގެންގޮސްފި. އަޅުގަނޑަށް ހީވަނީ އާޒިމް ހޭވެސް ނެތުނުހެން. މިއީ އަޅުގަނޑު ކައިރީގައި ހުއްޓައި ހިންގި ކަމެއް،" އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއިން ބުނީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އާޒިމް ގެނައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ. އާޒިމް ހައްޔަރު ކުރުމުގައި އަނިޔާ ކޮށްފައިވާނެތޯ ދެންނެވުމުން ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ "އާޒިމް ހައްޔަރު ކޮށްފައިވަނީ ޕްރޮފެޝަނަލްކޮށް" ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ކުރުމަށް ސްޕްރީމް ކޯޓުން އަމުރު ނެރުމުން އިންތިޚާބު އަވަސް ކޮށްދިނުމަށް އެދި އެމްޑީޕީން ދަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަމުންނެވެ. އެޕާޓީން ބުނެފައިވަނީ ކުރިއަށްއޮތްތަނުގައި އިހުތިޖާޖު ވަރުގަދަ ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު