ސްޕްރީމްކޯޓުން އެމްޑީޕީއާ މެދު ޒާތީ ތަފާތުކުރުންތަކެއް ގެންގުޅުނު-އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ފުރަމަ ބުރު ބާތިލް ކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން އެމްޑީޕީއާ މެދު ސާތީ ތަފާތު ވުންތަކެއް ގެންގުޅުނު ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ އެމައްސަލައިގެ ތެރެއަށް އެމްޑީޕީން ތަދައްޚުލްވެ އެޕާޓީގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ދެ ބޭފުޅުން ސްޕްރީމް ކޯޓުން ސަސްޕެންޑް ކުރުމުން އެކަން ކުށްވެރި ކޮށް ނެރެފައިވާ ބަޔާނުގައެވެ.

އެމައްސަލައިގެ ތެރެއަށް އެމްޑީޕީން "ތަދައްޚުލްވެފައި ވަނިކޮށް މި ޕާރޓީ ތަމްސީލުކުރައްވާ ފަރާތްކަމުގައިވާ އަލްއުސްތާޛު ޙަސަން ލަތީފާއި އަދި މި ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ އަލްއުސްތާޛާ ހިސާން ޙުސެން ޤާނޫނާއި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ސްޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވާތީ އެކަން އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ." އެބަޔާނުގައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ އަލްއުސްތާޛު ޙަސަން ލަތީފަކީ އެ މައްސަލާގައި އެމްޑީޕީ ތަމްސީލުކުރެއްވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވަމުންދިޔަ ބޭފުޅާ ކަމަށެވެ. އަލްއުސްތާޛާ ހިސާން ޙުސޭނަކީ އެމައްސަލާގައި އެ ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ ވަކީލު ކަމަށްވެސް ބުނެފައިވެއެވެ. އެދެބޭފުޅުންނަށް ޗިޓް ފޮނުވާއިރުވެސް މިތަފާތު އެނގޭ ގޮތަށް ކޯޓުން ފޮނުވާ ކަމަށްވެސް ބުނެފައިވެއެވެ. "މިއީ ތަފާތު ދެ ޙައިސިއްޔަތެކެވެ. އެހެންވެ މި ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއްގައި ވެސް ބަޔާންކޮށްފައިވާނީ އެގޮތަށެވެ. އަދި ސްޕްރީމް ކޯޓުން އެ ދެބޭފުޅުންނަށް ފޮނުވަމުން ދިޔަ ޗިޓް ތަކުގައި ވެސް ލިޔެފައިވަނީ އެގޮތަށް ފަރަގުކޮށްފައެވެ."

މި ދެ ހައިސިއްޔަތު އޮތް ކަމަށް ވިޔަސް އެދެބޭފުޅުން ސަސްޕެންޑްކޮށް ފިޔަވަޅުއެޅިކަން އެންގި ލިޔުމުގެ ތެރެއިން، ޙަސަން ލަތީފަށް ފޮނުވި ލިޔުމުގައި ސްޕްރީމް ކޯޓުން ލިޔެފައިވާ އިބާރާތުގައިވަނީ “ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލު އަލްއުސްތާޛު ޙަސަން ލަތީފަށް މި ކޯޓުގެ ނަންބަރ 2013/SC-C/42 ޤަޟިއްޔާގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ވާހަކަ ދެންނެވީމެވެ” މިހެން ލިޔެފައިވާ ކަމަށެވެ.

"މިކަމުން ވެސް ދޭހަވަނީ ސްޕްރީމް ކޯޓުން މި މައްސަލާގައި އެމް.ޑީ.ޕީ އާމެދުގައި ޒާތީ ތަފާތު ކުރުންތަކެއް ގެންގުޅެމުންދިއަކަމެވެ. އަދި މި ޕާރޓީގެ ފަރާތްތަކާމެދުގައި ފިޔަވަޅު އެޅުމުގައި އަވަސްވެގަތުމަށް މަސައްކަތް ކުރުމުގައި ނުބައި ނިޔަތުގައި އެކަން ކުރުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ ލިޔެކިޔުންތަކުން ވެސް އެކަން ރަނގަޅަށް ހާމަވާ މިންވަރަށް ތިލަވެފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެބަޔާނުގައި ވެއެވެ.

މިދެބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ކަމަށް ބުނެފައިވަނީ މީޑިއާ އަދި ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަކާ ބެހޭ މައްސަލައެއް ބަލަމުންދާތީ އެވެ. "މި ސަބަބާހުރެ އެ ދެބޭފުޅުންނާ މެދު ފިޔަވަޅު އަޅާފައިވާއިރު، މީޑިއާގައާއި ސޯޝަލް މީޑިއާގައާއި މުޅި މުޖުތަމައުގައާއި މުޅި ދުނިޔޭގައި އެފަނޑިޔާރެއް ކަސްބީ އަންހެނުން ތަކަކާއެކު ޖިންސީ ގުޅުން ހިންގަމުންދާ ސާފު މަންޒަރު އާންމުވެ މަޝްހޫރު ވެފައިވާއިރު، އަދި އެ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލަމުންދާކަމަށް އެފަރާތްތަކުން އިޢުލާނުކޮށްފައިވާއިރު، މުސްލިމް އުއްމަތެއްގެ މައްޗަށް އެ ފަނޑިޔާރު ސްޕްރީމް ކޯޓުގެ ބެންޗްގައި ބައިންދައިގެން އެހެން ފަރާތްތަކުގެ މައްޗަށް ސޯޝަލް މީޑިއާގައި ކޮމެންޓެއް ކޮށްފިކަމަށް ބުނެ ފިޔަވަޅު އަޅައި ސަސްޕެންޑްކުރަމުން ދާދިއަމަކީ އިސްލާމީ ޝަރީޢަތަށާއި މިރާއްޖޭގެ ޤާނޫނު އަސާސީއަށް ސްޕްރީމް ކޯޓުން ކުރާ ފުރައްސާރައެއް" ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިބާވަތުގެ ނާއިންސާފުން އެއްކިބާވެ، ޖުޑިޝަރީގެ މިނިވަންކަން ނަގަހައްޓައި، ރައްޔިތުން އިތުބާރުކުރުވަނިވި ތަނަކަށް ސްޕްރީމް ކޯޓު ހެއްދެވުމަށް އިޚްލާސްތެރިކަމާއެކު ސްޕްރީމް ކޯޓަށް ގޮވާލާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :