މުއައްސަސާތައް މެދުވެރިކޮށް "ސަކަރާތް" ނުޖެއްސެވުމަށް މަޖިލީހުގެ ރައީސް ގައުމުގެ ރައީސަށް ގޮވާލައްވައިފި

ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިވަޑައިގެންފައިވާ ގާނޫނީ ބާރު ބޭނުންފުޅު ނުކުރައްވައި، ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް "ސަކަރާތް" ނުޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ރޭ ގޮވާލައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހިގެން ޖުމްހޫރީޕާޓީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އިންތިޚާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސްޕްރީމް ކޯޓުން އިލެކްޝަންސް ގެ މައްޗަށް އަމުރު ނެރުމުން އެކަމާ އިހުތިޖާޖު ކުރުމަށް ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހޮނިހިރު ދުވަހު ދެވަނަބުރުގެ ވޯޓުލުން އޮންނާނެ ކަމަށެވެ.

އިންތިޚާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނަސް، ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކަށް އަމަލުކުރުން ރައްޔިތުންގެ މަޖިލީހަށް އަދި އެއްވެސް ކޯޓަކަށްވެސް ނުހުއްޓުވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ މާއްދާއެއް ހިފެހެއްޓުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސަށް ކަމަށެވެ. އެކަންވެސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމުގެ ބަދަލުގައި ދައުލަތުގެ އެހެން މުއައްސަސާތައް ބޭނުން ކޮށްގެން ރައީސް ގެންދަވަނީ "ސަކަރާތް" ޖައްސަވަމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައި ބުނަފައިވަނީ ފުރަތަމަ ބުރަށް ފަހު އިންތިޚާބުގެ ދެވަނަ ބުރު 21 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭ ކަމަށެވެ. އެހެން ކަމުން އެއްވެސް ފަރާތަކަށް އިންތިހާބު ލަސް ނުކުރެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :