ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތް އަވަސްކޮށް ދިނުމަށް އެދެފި

ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް އަވަސް ކޮށްދެއްވުމަށް ރައީސް ރައީސް އޮފީހުން އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިކަމަށް އެދިވަޑައިގެންނެވީ ސިވިލްސާވިސް ކޮމިޝަނާއި، ޕާމަނަންޓް ސެކްރެޓަރީންނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަމީން ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ޢާންމުންނަށް ދެއްވާ ޚިދްމަތްތައް ދެއްވުމުގައި، މިހާރުން މިހާރަށް އިޞްލާޙު ކުރަންޖެހޭ ބައެއްކަންކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައިވާފައި ކަމަށެވެ.

އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކަށް ޢާންމުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން އަވަސްކުރުން ފާހަގަ ކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ފޯނު ނުނެގުމުގެ މައްސަލައާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި، މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.

މިކަންކަން އަމަލީ ގޮތުން ކުރުމަށް ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަން ރަނގަޅު ކޮށްދެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް މިނިސްޓަރ އަމީން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި، ސަރުކާރުން ކަނޑައަޅުއްވާފައިވާ 100 ދުވަހުގެ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުން ހަލުއިކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަ ދެއްކެވިއެވެ. އަދި މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ވަމުންދާ މިންވަރާބެހޭ މަޢުލޫމާތުވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :