މަސްދުވަހުގެ ދަތުރަކަށްފަހު ކުރީގެ ރައީސް ޑރ. ވަހީދު މިރޭ މާލެ ވަޑައިގެންފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނުގެ ދެކަނބަލުން މިރޭ މާލޭ ވަޑައިގެންފިއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ނާއިބު ރައީސް ޑރ. މުހަމައްދު ޖަމީލް އަހުމަދެވެ. ރައީސް ވަހީދު މާލެ ވަޑައިގެންނެވުމުން މާލޭގެ 4 ނަންބަރު ޖެޓީން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީނުގެ އިތުރަށް ދައުލަތުގެ މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރު ހިންގާ ކޯލިޝަންގެ ސަޕޯޓަރުންވެސް ޑރ. ވަހީދަށް މަރުހަބާ ވިދާޅުވާން ވަޑައިގެން ތިއްބެވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަހީދަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ހުންނެވިއެވެ.

ރައީސް ވަހީދު މާލެ ވަޑައިގެންނެވުމުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދެން ބައްލަވަނީ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ވަހީދަށް "އެންމެ މަތިވެރި ގަދަރާއި އިހުތިރާމް" ސަރުކާރުން އަރުވާނެ ކަމަށެވެ. ރައީސް ވަހީދަށް ސަރުކާރުން މަގާމެއް ދެއްވާނެތޯ ދެންނެވުމުން ރައީސް ޔާމިން ވދާޅުވީ އެއީ "އެތެރޭގެ" ވާހަކައެއް ކަމަށެވެ.

ނޮވެމްބަރު 16 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޔާމީން ކާމިޔާބު ކުރަވައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން މިއީ މިދެބޭފުޅުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ރައީސް ވަހީދުވަނީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ވަހީދު ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 21 މަސްދުވަހުއެވެ. އެމަނިކުފާނަކީ ދިވެހިޖުމްހޫރިއްޔާގެ 5 ވަނަ ރައީސެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :