ރައީސް ވަހީދާއި ނަޝީދުގެ ބައްދަލު ވުމެއް މުލީއާގޭގައި ފަށައިފި
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ބައްދަލުވުމެއް މުލީއާގޭގައި ދާދި ދެންމެ އަކު ފަށައިފިއެވެ.
ރައީސް ނަޝީދުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީއަށް ވިދާޅުވީ މިބައްދަލު ކުރެއްވުމަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް ވާހަކަ ދެއްކެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މިބައްދަލުވުމުން ގައުމަށްޓަކައި ރަނގަޅު ގޮތްތަކެއް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ހުންނަވާނީ ގައުމަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން އަދި ބައްދަލު ކުރައްވަން ޖެހުނު ބޭފުޅަކާ ބައްދަލު ކުރައްވަން ތައްޔާރަށް ކަމަށެވެ. މިއަދުގެ ބައްދަލުވުމަކީ އެމަނިކުފާނަށް ކިތަންމެ "ދަތި" ބައްދަލުވުމަކަށް ވިޔަސް ގައުމުގެ ސަލާމަތަށްޓަކައި އެމަނިކުފާނު ހުންނެވީ އެކަން ކުރައްވަން ތައްޔާރަށް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މިހާރުގެ ރައީސް ޑރ. ވަހީދަކީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ނާއިބެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު މާލޭގައި ހިންގި "ކަންތައްތަކާ" ގުޅިގެން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެން ކަމުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޑރ. ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީއެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު މި ދެ ބޭފުޅުންގެ މިފަދަ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.
އެމްޑީޕީން ސިފަކުރަމުން އަންނަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ "ބަޣާވާތަކުން" ކަމަށެވެ. އެހެން ކަމުން ދެ ރައީސުންގެ ބައްދަލުވުން ވަރަށް ޚާއްސަވެގެން ދާނެއެވެ.
މިބައްދަކުވުން މިހާރުވަނީ ނިންމާލައިފައެވެ. ނަމަވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެއްވެސް ކަމަކާ ބެހޭ ގޮތުން ދެބޭފުޅުންވެސް މީޑިއާއަށް މައުލޫމާތު ދެއްވާފައެއް ނުވެއެވެ. ބައްދަލުވުމަށްފަހު ދެބޭފުޅުންވެސް ވަނީ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު