ވިއްސާރައިގައި ގައްދުއަށް ގެއްލުންތަކެއް ވެއްޖެ
ހުވަދުއަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ދެކުނުބުރީ ގައްދުއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން މަގުތަކާއި ބައެއްގޭގޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. "ފަނަރަވަރަކަށް ގެއަށްވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި. އެހެން ގެތަކަށް މީހުން ބަދަލު ކުރަންޖެހޭ ވަރަށް ބައެއް ގޭގެއަށް އަސަރު ކޮށްފައި ވިޔަސް ބަދަލު ކުރާނެ ތަނެއްވެސް ނެތް. އެފަދަ އާއިލާއިން ގެންދަނީ ހުރިހާ ކަމެއްވެސް އަމިއްލައަށް ހަމަޖައްސަމުން،" އޭނާ ވިދާޅުވިއެވެ.
ރިޒާން ވިދާޅުވީ މަގުތަކުގައި ފެންބޮޑުވެ ނަރުދާމާ ހަލާކުވެ ބައެއް ހިސާބުގަނޑަށް ނަޖިސް ބޭރުވެފައިވާ ކަމަށެވެ. އަދި އެހިސާބުތަކުން ނަޖިހުގެ ވަސްވެސް ދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒާން ވިދާޅުވީ ވާރޭ ވެހުމުގެ ސަބަބުން ބައެއްގޭގެ ވަޅުވެސް ފުރިފައިވާ ކަމަށެވެ. ފެންބޮޑުވެފައިވާ ގެތަކުން ފެންހިއްކުމުގެ މަސައްކަތް ރަށުކައުންސިލާއި، މިވަގުތު އެރަށުގައިތިބި މޯލްޑިވްސް ރެޑްކްރެސެންޓުގެ މެންބަރުން ގުޅިގެން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މުޅި ރަށުގައި ބޭނުން ކުރަންއޮތީ އެންމެ ދެ ޕަންޕު ކަމުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. މައިގަނޑު ގޮތެއްގައި އެރަށުގެ 3 ސަރަހައްދެއްގައި ފެންބޮޑު ވުމުން ކޮންމެ ސަރަހައްދަކަށް އެކަނިވެސް 2 ޕަންޕް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވިއްސާރައިގާ އިޖުތިމާއި ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ވަނީ ގެއްލުން ލިބިފައެވެ. އެރަށުގެ މީހުން ދަނޑުވެރިކަން ކުރަމުންދާ ގަމުގައި ފެންބޮޑުވެ އަލައޮޅުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ބެލިފައި ނުވާ ކަމަށެވެ.
މިވިއްސާރައިގައި އެއަތޮޅު އުތުރުބުރީ ދާންދު އާއި ގެމަނަފުށްޓާއި ވިލިނގިލީގައިވެސް ފެންބޮޑުވެ ގެއްލުންވަނީ ލިބިފައެވެ. އެރަށްރަށުގައި ދެފޫޓަށް ފެންބޮޑުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން އިލެކްޓްރޯނިކް ބައެއް ސާމާނުތަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިރަށްރަށުގައި ފެންހިއްކުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު