ޗައިނާ ސަރުކާރުން ރާއްޖެއަށް 8.2 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް 8.2 މިނލިއަން ޑޮލަރުގެ ހިލޭއެހީއެއްދޭ ގޮތަށް ނިންމައިފި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރާއްޖެއަށް މިއެހީ ދެއްވުމަށް ޗައިނާ ސަރުކާރުން ނިންމެވިކަން ހާމަކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާއޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ސަރުކާރުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޗައިނާއިން ދެއްވާ އެހީއެކެވެ.

ޗައިނާ ސަފީރުގެ މިޒިޔާރަތުގައި ރައީސް ޔާމީނާއި ދެބޭފުޅުންވަނީ ދެގައުމުގެ 41 އަހަރުގެ ޚާރިޖީ ގުޅުމާބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ބޭނުންތަކަށް ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ހަމަޖެއްސެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިއަހަރު އެންމެ ގިނަފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އުންމީދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ޓޫރިސްޓުންގެ ޢަދަދު، މުސްތަޤްބަލުގައި މިއަށްވުރެވެސް އިތުރުވެގެން ދިޔުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއާއި، އިންޑިއާއާއި، އެމެރިކާއާއި އަދި ޖަޕާންފަދަ ރާއްޖެއާ ޚާއްޞަ ގުޅުން އޮންނަ ޤައުމުތަކާއެކު ކުރެވޭ މުޢާމަލާތުތައް އިތުރަށް ފުޅާކުރުމަށްޓަކައި، ޚާރިޖީ ސިޔާސަތަށް އިސްލާހީ ބޮޑެތި ބަދަލް ގެންނަވަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިގައުމުތަކަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ޚާއްޞަ ޑިވިޝަންތަކެއް އުފެއްދެވުމަށް ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އިޤްތިސާދީ ދާއިރާތަކުގެ ބޭފުޅުންނާއި، ވިޔަފާރީގެ ފުންނާބު އުސް ބޭފުޅުން ހިމެނޭ ވިޔަފާރި ވަފުދެއް ޗައިނާއަށް ޒިޔާރަތެއް ކުރެއްވުމާ ގުޅޭގޮތުން މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :