ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ވިއްކަމުން ދަނިކޮށް ފުލުހުން އަތުލައިގެންފި
ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ނ. ކެނދިކުޅުދޫގައި ވިއްކަމުން ދަނިކޮށް ފުލުހުން މެދުވެރިކޮށް އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ހަވީރު އަތުލައިގެންފިއެވެ.
އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މިދޫނިތައް އަތުލައި ގެންފައިވަނީ "އީޕީއޭގެ އިންޓެލިޖެންސަށް" ލިބުނު މައުލޫމާތަކާ ގުޅިގެން ނ. މަނަދޫ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް ކަމަށެވެ. އެދޫނިތައް މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ނައީމް ވިދާޅުވިއެވެ. ނަމަވެސް އަތުލައިގެންފައިވަނީ ކިތައް ދޫނި ކަމެއް އަދި އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަތުލައި ގެންފައިވާ ދޫނިތަކުގެ ތެރޭގައި ރޭރު ފަދަ ދޫނި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދޫނި ވިއްކި މީހުންނާ މެދު އަޅާނީ ކޮންފިޔަވަޅެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ވަރަށް ބޮޑު އަދަދަކުން ޖުރިމާނާ ކުރުވެން ގާނޫނޫގައި އޮންނަ ކަމަށެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ އަދަބު ދިނުމަށްވުރެވެސް އެކަން ހުއްޓުވުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޮޑު އަދަދަކުން ޖުރިމާނާ ކުރަން ޖެހިއްޖެއްޔާ ސަރުކާރުން އެކަން ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން މިގޮތަށް ހިފާކޮންމެ ދޫންޏަކަށް 30،000 ރުފިޔާއިން ޖުރިމަނާ ކުރެވިދާނެއެވެ. އަދި އިތުރުވާ ކޮންމެ ދޫންޏަކަށް 25،000 ރުފިޔާއިން ޖުރިމަނާ ކުރެވިދާނެއެވެ.
މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވޭތޯ ދެންނެވުމުން ނައީމް ވިދާޅުވީ ކުރިންވެސް މިގޮތަށް ދޫނިތަކެއް އަތުލާފައިވާ ކަމަށެވެ. ދޫނިތައް އަތުލުމަށްފަހު އުދުހެވޭ ހާލަތުގައި ތިބި ދޫނިތައް އުދުއްސާލަނީއެވެ. ފިޔަކޮށާފައި ހުންނަ ދޫނިތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ފިޔަފެޅުމުން ދޫކޮށްލަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި އެބޭފުޅުންގެ ބެލުމުގެ ދަށުގައި 10 ދޫނި އެބައިން ކަމަށެވެ. އެދޫނިތަކަކީ ހިމާޔަތް ކުރެވިފައިވާ ދޫނިތަކަށް ވުމުން އީޕީއޭ ގެ އެދިވަޑައިގަތުމުގެ މަތިން އެދޫނިތައް މަނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. "މިދޫނިތައް ދޫވެގެންދާނީ ފުލުހުންގެ ބެލުމުގެ ދަށުން. މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ އީޕީއޭއިން،" ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.
މިމައްސަލަ ތަހުގީގު ކުރަން އީޕީއޭ އިން އަންގަވައިފި ކަމަށްވާނަމަ އެކަންވެސް ފުލުހުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި މިދޫނިތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު އީޕީއޭއަށް ލިބިފައިވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު