ރައީސުލްޖުމުހޫރިއްޔާ ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ފުލުހުންގެ އިސް އޮފިސަރުންނާ ރޭ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުން ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގުގައެވެ. ރައީސާއި އެމަނިކުފާނުގެ ނާއިބް އިސްކަންދަރު ބިލްޑިންގަށް ވަޑައިގެންނެވުމުން އެދެބޭފުޅުންނަށް މަރުހަބާ ދަންނަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ޝަރަފުވެރި މުއައްސަސާއެއްކަމަށެވެ. އެހެން ނަމަވެސް ޤާނޫނު ތަންފީޒު ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތުގައި ޙަރަކާތްތެރިވާއިރު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު ލިބުމަކީ ވާނެކަމެއްކަމަށް ކޮންމެ ފުލުހަކުވެސް ޤަބޫލުކުރައްވަން ޖެހޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިތުން ފަޚުރުވެރިވާ ބައެއްކަން ޤަބޫލުކުރައްވާ ކަމަށެވެ. މިބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮންމެ ފުލުހަކުވެސް ޤާނޫނާ އެއްގޮތަށް މަސައްކަތްކޮށްދެއްވުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ ކިބައިން ފެނިގެންދާ ފުރިހަމަ ސުލޫކާއި ރީތީ އަޚްލާޤް އަބަދުވެސް ދައްކައި ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ފުލުހުން ވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރަށް އެމަނިކުފާނު ވަނީ ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކޮށްދެއްވަންހުރި ކަންތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުން މިހާރަށްވުރެ އަވަސްކޮށް ހަލުވި ކަމާއެކު ކުރިޔަށް ގެންގޮސްދެއްވައި ޒުވާނުން ވަޒީފާތަކަށް ނުކުތުމަށްޓަކައި ބޭނުންވާ ކުށުގެ ރެކޯޑުގެ ކަންތައް ވީއެންމެ އަވަހަކަށް ނިމޭތޯ މަސައްކަތް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ ނައިބް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފުލުހުން މަސައްކަތް ކޮށްފައިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި މާހައުލެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ފުލުހުން މަސައްކަތް ކޮށްފައިވަނީ ކުރިމަތިވި ގޮންޖެހުންތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ކެތްތެރިކަން އިސްކޮށްގެންކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ. އަދި ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދީ ފުލުހުންނަށް ދެވޭ ޙަމަލާތަކަށް ދެވޭ އަދަބުތައް އިތުރަށް މުރާޖިޢާ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވަނީ ދިވެހި ފުލުހުންގެ ކިބައިން ރައީސް އާއި ނައިބްރައީސް އެދިވަޑައިގެންނެވި ކަންކަން ފުރިހަމަކޮށްދިނުމުގައި ދިވެހި ފުލުހުން ސާބިތު ކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.
މީގެ އިތުރުން ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ ޤައުމުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުން މަސައްކަތްތައް ކުރުމުގައި ހުރި ބޮޑެތި ދަތިކަން ރައީސުލްޖުމުހޫރިއްޔާ އާއި ނައިބްރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. ޚާއްޞަ ގޮތެއްގައި އަތޮޅުތަކުގައި ފުލުހުން އުޅެމުންދާ ދަތިޙާލު ބަޔާންކޮށްދެއްވައި އެކަންކަން ރައީސުލްޖުމުހޫރިއްޔާގެ ސަމާލުކަމަށް ގެންނެވި ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ޤާއިމް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދެމުންދާ ކަމަށެވެ. އެހެންނަމަވެސް ބަޖެޓުގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން އެކަންކަން އަދޮ ނުކުރެވޭކަމަށެވެ. މިކަމަށް ސަރުކާރުން ވިސްނާވަޑައިގެންދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު