ރައީސް ޔާމީނުގެ ކެބިނަޓަށް ފަސް ވަޒީރުން މިރޭ އައްޔަން ކުރައްވައި
ރާއްޖޭގެ ވެރިކަމާ މިއަދު ހަވާލުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެމަނިކުފާނުގެ އާ ކެބިނެޓަށް ފަސް ވަޒީރުން މިރޭ އައްޔަން ކުރައްވައިފިއެވެ.
އެމަނިކުފާނު މިރޭ އައްޔަން ކުރެއްވީ މިނިސްޓަރއޮފް ޑިފެންސް ކަމަށް މުހައްމަދު ނާޒިމް، ފިނޭންސް މިނިސްޓަރަކަށް، އަބްދުﷲ ޖިހާދު، ޓޫރިޒަމް މިނިސްޓަރަކަށް އަހުމަދު އަދީބެވެ. މީގެ އިތުރަށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސްގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. މީގެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓަރަކަށް ވަނީ އަމީން އިބްރާހީމް ހަމަޖައްސަވާފައެވެ.މިހުރިހާ ބޭފުޅުންނަކީ ރައީސް ޑރ. ވަހީދުގެ ކެބިނިޓުގައި ތިއްބެވި ބޭފުޅުންނެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި އިހުތިފާލެއްގައި މި ބޭފުޅުންނަށް ވަޒީރު ކަމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިނެވެ. މިބޭފުޅުން މަގާމުގެ ހުވައި ކުރެއްވުމުން މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބޭފުޅުންނަށް ފަތްކޮޅު ހަވާލު ކުރެއްވުމަށްފަހު ރައީސް ވިދާޅުވީ ފަސް ވަޒީރުންވެސް އިޚުލާސްތެރި ކަމާއެކު ސަރުކާރުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއަށާއި، ރައީސްގެ ނާއިބަށް އިޚްލާސްތެރިވެ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަސް ވަޒީރުންވެސް އެބޭފުޅެއްގެ ދާއިރާއިން ތެދުވެރިކަމާއެކު ދައުލަތާއި، ރައްޔިތުންނަށްޓަކައި އާ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ ރައީސް ޔާމީން އައްޔަން ކުރައްވާ ވަޒީރުންނަކީ ގާބިލް ބޭފުޅުން ކަމަށްވާނަމަ އެބޭފުޅުންނަށް ރުހުން ދެއްވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގެވުމުގައި ރައީސް ޔާމީނަށް އެހީތެރިވެ ދެއްވާނެ ކަމަށްވެސް އެމްޑީޕީންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު