ރަސްދޫގައި ހިންގި ހަމަނުޖެހުމެއްގައި ތިންފުލުހަކަށް އަނިޔާވެ އެގާރަ މީހުން ހައްޔަރު ކޮށްފި
އަރިއަތޮޅު ރަސްދޫގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ރޭ ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ރަސްދޫ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މީހަކު ބުނީ އެރަށުގެ ބަޔަކު ފުލުހުންނަށް ހަމަލާ ދީފައިވަނީ އެރަށު މެޖިސްޓްރޭޓް ކޯޓު ކައިރީގައި ހިނގި ހަމަ ނުޖެހުމެއް ގައި ކަމަށެވެ. މިހަމަ ނުޖެހުމުގެ ތެރޭގައި ފުލުހުންނަށް އަނިޔާ ވެފައިވަނީ ކިހާ ވަރަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތިން ފުލުހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބައެއް ކަމަށް އޭނާ ބުނީ އެރަށުގެ މެޖިސްޓްރޭޓް ކޯޓް ކައިރީގައި އެލުވާފައިވާ ޖަނގިޔާއެއް ފުލުހުން ނެގުމުންނެވެ. "އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއީ ކޮންމެވެސް ފަނޑިޔާރަކަށް ނިސްބަތްކޮށް އެލުވާފައިވާ ޖަނގިޔާ އެއް. ރަށުގެ އެހެން ދެ ސަރަހައްދެއްގައިވެސް މިފަދަ ޖަނގިޔާ އެލުވާފައިވާ ކަމަށް މައުލޫމާތު ލިބުނީ،" އޭނާ ބުންޏެވެ. މިހާދިސާއަށް ފަހުވެސް އެރަށު މެޖިސްޓްރޭޓް ކޯޓަށް ކަޅުތެޔޮ ޖަހަން ބަޔަކު އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަން އެމީހުންނަށް ރޭ ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ރޭގެ ހާދިސާ ހިނގުމަށް ފަހު ރައިޓްގިޔަރގައި ތިބި ތިރީހަކަށް ފުލުހުން ބަހިބަދޫން ރަސްދުއަށް ވަނީ އައިސްފައެވެ. އެމީހުން އައިސް 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރިކަމަށްވެސް ބުންޏެވެ. ނަމަވެސް އެ 11 މީހުންގެ އިތުރަށް އެހެން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމެއް އެނގިފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
މިހާދިސާ ހިނގި އިރު އެރަށުގައި 22 ފުލުހުން ހަރަކާތްތެރިވި ކަމަށްވެސް އޭނާ ބުންޏެވެ. މަހިބަދޫން އައި ފުލުހުންނާ އެކު 60 ވަރަކަށް ފުލުހުން އެރަށުގައި ރޭ ހަރަކާތްތެރިވި ކަމަށް އޭނާ ބުންޏެވެ. ރޭ ދަންވަރު 1:00 އެހައިކަންހާއިރުން ފެށިގެން ރަށުތެރެ އޮތީ ހިމޭނުން ކަމަށް އޭނާ ބުންޏެވެ. ރޭގެ ހާދިސާ ހިނގިއިރު ކުޅިބަލަން ކޯޓު ކައިރިއަށް އެއްވި މީހުން ފުލުހުންވަނީ ގެއަށް ފޮނުވާލައިފައިއެވެ. ފުލުހުންގެ އެންގުމާ އެއްގޮތަށް ގެއަށް ނުގޮސްފިއްޔާ ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނި ކަމަށްވެސް އޭނާމައުލޫމާތު ދިނެވެ.
މިހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު