ކާޑުގެ ޕިންނަންބަރު އެއްވެސް ފަރާތަކާ ހިއްސާ ކޮށްގެން ނުވާނެ: ބީއެމްއެލް

image

ކާޑުގެ ޕިންނަންބަރު އެއްވެސް މީހަކަށް ނުދިނުމަށް ބޭންކްއޮފްމޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެންގުޅޭ މީހުންނަށް އެބޭންކުން އިލްތިމާސް ކުރައްވައިފިއެވެ.

ބީއެމްއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި ރައްކަލަކަށްޓަކައި ކާޑުގެ ޕިންނަންބަރު ބެލެނިވެރީންނާވެސް އަދި އާއިލީ މީހަކާވެސް ހިއްސާ ކޮށްގެން ނުވާނެ ކަމަށެވެ. މީގެ އިތުރަށް ވެއިޓަރަކަށްވެސް އަދި ސޭޓަކަށްވެސް އަދި އަމިއްލަ ދަރިންނާވެސް ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ މިއަދު އިލްތިމާސް ކުރައްވާފައެވެ.

އެބޭންކުން މިކަމަށް އިލްތިމާސް ކުރައްވާފައިވާފައިވަނީ އެކި މީސްމީހުން ހުޅުވާފައިވާ އެކައުންޓްތަކަކުން، ވެރިފަރާތްތަކަށް ނޭނގި ގިނަ އަދަދެއްގެ ފައިސާ ނަގަމުން ދިޔަ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށްނެއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އެ ދެ މީހުން ވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގި، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބީއެމްއެލްގެ އޭޓީއެމްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގައިފައެވެ. އެކަން ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 އަދި 18 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިގޮތަށް އޭޓީއެމް އިން ފައިސާ ނެގޭނެ ހަމައެކަނިގޮތަކީ ކޮންމެވެސް ގޮތަކުން ކާޑުގެ ޕިންނަންބަރު އެމީހަކަށް ނުވަތަ ބަޔަކަށް އެނގިގެން ކަމަށެވެ. ބޭންކްގެ ގަވާއިދާ އެއްގޮތަށް އަމަލުތައް ބަހައްޓާ އެއްވެސް ކަސްޓަމަރަކަށް މިފަދަ މަކަރު ހެދުންތަކުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބޭންކުންވަނީ ބުނެފައެވެ.

ވެލާނޭގޭގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދެމީހުން ފައިސާ ނަގަމުންދާ ސީސީޓީވީ ވީޑިއޯއެއް ފުލުހުންވަނީ އާންމުކޮށްފައެވެ. މިދެ މީހުންނަކީވެސް ބޭރުގެ ދެމީހުން ކަމަށް ބެލެވެއެވެ. ބީއެމްއެލްއިންވެސް ބުނެފައިވަނީ އެދެމީހުންނަކީ ދެ ބިދޭސީން ކަމަށެވެ.

އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް އެނގިއްޖެ ކަމަށްވާނަމަ ޕޮލިހުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :