އެމްޑީޕީގެ ސަޕޯޓަރުން ބަންދުކޮށްފައިވާ މަގުތައް ފުލުހުން ހުޅުވައިފި

މިމަހު 19 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިޚާބަށް ފުލުހުން ހުރަސް އެޅުމުން އިންތިޚާބު ނުބާއްވައި ކެންސަލް ކުރުމަށް އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ސަޕޯޓަރުން ބަންދުކޮށްފައިވާ މަގުތައް ފުލުހުން ހުޅުވައިފިއެވެ.

"ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މާލޭގެ ބައެއް މަގުތައް އެކިއެކި ގޮތްގޮތަށް ބަންދުކޮށްފައި ވަނިކޮށް އެސަރަހައްދުތަކަށް ފުލުހުންގޮސް ނަޞޭޙަތާއި އިންޒާރުދިނުމަށްފަހު މާލޭގައި ބަންދުކޮށްފައި ހުރި މަގުތައް މިރޭ (ރޭ) ފުލުހުން ހުޅުވައިފި" ކަމަށް ފުލުސް އޮފީހުން ހާމަކުރައްވައިފިއެވެ.

މަގުތައް ހުޅުވުމަށް ފުލުހުންގޮސް ވަނީ މަގު ބަންދުކޮށްގެން ތިބި މީހުންނަށް އެމަގުތައް އެއްގަމު ދަތުރުފަތުރު ކުރާފަރާތްތަކަށާއި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް އުނދަގޫ ނުވާނެހެން އެންމެހައި ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމަށް ނަޞޭހަތާއި އިންޒާރު ދެއްވާފައެވެ.

ފުލުހުންގެ ނަޞޭޙަތާއި އިންޒާރުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި މަގު ބަންދުކޮށްގެން ތިބި މީހުން އަމިއްލައަށް ވަނީ ބަންދުކުރުމަށް ބަހައްޓާފައި ހުރި ތަކެތި ނަގައި އެމަގުތައް ހުޅުވާފައި ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

"މަޖީދީމަގު އަލިކިލެގެފާނުމަގު ގުޅުނު ހިސާބުން ފެށިގެންގޮސް މަޖީދީމަގު ޗާންދަނީމަގު ގުޅުނު ހިސާބަށް ބަންދުކޮށްފައިވާ ސަރަޙައްދު އެއްގަމު ދަތުރުފަތުރު ކުރާފަރާތްތަކަށާއި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ދަތިނުވާނެހެން އެންމެހައި ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތާއި އިންޒާރު ތަކުރާރުކޮށް ދިނުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމާގުޅިގެން އެސަރަޙައްދުގައި މަގުބަންދު ކުރަން ބޭނުންކޮށްފައިވާ ތަކެތި ނަގައި އެސަރަޙައްދަށް އެއްވެ ތިބި ފަރާތްތައް ފަހަތަށް ޖައްސައި މަޖީދީ މަގު ވަނީ ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި އެއްގަމު ދަތުރުފަތުރު ކުރާފަރާތްތަކަށް ފަސޭހަ ވާނެހެން ހުޅުވާލާފައި" ކަމަށްވެސް ފުލުހުންވަނީ ހާމަ ކުރައްވާފައެވެ.

މަގުތައް ހުޅުވުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ފުލުހެއްގެ ގައިގައި ގައުބުރިއަކުން ޖަހައި ޒަޚަމްކޮށްލި މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ގައުބުރިންޖެހި ފުލުހު މީހާގެ ފައިވަނީ ޒަޚަމްވެފައެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައި ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

މީގެ އިތުރަށް ފުލުހަކަށް އިންޒާރު ދިން މީހަކުވެސް ވަނީ ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. މި އެންމެނަކީ ވެސް ފިރިހެނުންނެވެ. މިމީހުން މަގު މައްޗަށް ނުކުމެ މަގުތައް ބަންދުކޮށްގެން ތިބީ އިންތިޚާބުގެ ތާރީޚެއް ނުލިބެނީސް އެނބުރު ނުދާނެ ކަމަށް ބުނެއެވެ.

މާލޭގެ މަގުތައް ހުޅުވުމުގެ ކުރިން ފުލުހުންވަނީ އާންމުގެ ޒަރޫރީ ބޭނުންތަކަށް ހުރަސް ނޭޅުމަށް އެމްޑީޕީއަށް ސިޓީއެއް ފޮނުވައި އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :