އަޅުގަނޑުމެން ބަލަންވީ މަޑުމައިތިރި ކަމާއެކީގައި ވެރިކަން ބަދަލު ކުރުމަށް-ރައީސް ނަޝީދު
ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށާއި ދެން ބަލަންވީ މަޑު މައިތިރި ކަމާއެކު ވެރިކަން ބަދަލު ކުރުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ އިސްލީޑަރު ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިމަހު ހަތެއްގައި ބޭއްވި ފުރަތަމަ ބުރުގެ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ."އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ ވޯޓުގެ ކަންތައް ހަގީގަތުގައި އިރާދަ ކުރެއްވިއްޔާ މިއޮތީ ނިމިފައި. ދެން އަޅުގަނޑުމެން ބަލަންވީ މަޑުމައިތިރި ކަމާ އެކީގައި ވެރިކަން ބަދަލު ކުރުމަށް. އަދި އެއަށް ފަހުގައި އަޅުގަނޑުމެންގެ ތަރައްގީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނޭ ގޮތްތައް އަޅުގަނޑުމެން ހޯދުމަށް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީޕާޓީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ތަދައްޚުލްވެ ވަޑައިގެންނެވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމަނާ ދައުލަތާ އިދިކޮޅަށް ވަކާލާތު ކުރައްވާތީ އެކަމާވެސް ކަންޑުވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ބަންޑާރަ ނާއިބު އެކަމުން އެއްކިބާވެ ވަޑައިގެން ނެވުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނޫނީ ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރެއްވަން ފެށްޓެވުމަށްވެސް އެދި ވަޑައިގެންނެވިއެވެ.
"ދައުލަތުގެ ބަންޑާރަ ނާއިބު ދައުލަތާ އިދިކޮޅަށް ވަކާލާތު ކުރާ ކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެހެންވީމާ ބަންޑާރަ ނާއިބު އެކަމުން އެއްކިބާވެ ވަޑައިގަންނަވަންވީ އަވަހަށް. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހުން އަވަހަށް ނަންގަވަން ފަށްޓަވަންވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލު ވުމުގައި އެމަނިކުފާނު ވަނީ ސްޕްރީމް ކޯޓުގެ ބެންޗު ގެ އަދަދަށް ބަދަލު ގެންނެވުމަށް ފެންނަ ކަމަށެވެ. އެއީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރުންނަށް ބައެއް ބާވަތުގެ އިލްމު އެނގިވަޑައި ނުގަންނަވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ސްޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށް ބައެއް ބާވަތުގެ އިލްމު މަދު ކަމަށް މިހާރު މާބޮޑަށް ކަމާގުޅޭ މާހިރުން އެބަ ފާހަގަކުރޭ. އެބޭފުޅުންގެ ކިބައިގައި ގާނޫނީ ބައެއް ތަޖުރިބާއާއި ބައެއް އިލްމުނެތް ކަމަށް ކަމާ ގުޅޭ މާހިރުން ފާހަގަ ކުރަމުން ދާތީވެ އަޅުގަނޑުމެންނަށް ފެނޭ ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމަށް ފަނޑިޔާރުންނާ ގުޅޭ ގާނޫނަށް އެބަދަލު ގެނައުމަށް. އަދި އެހެންމެ ރައްޔިތުންގެ މަޖިލީހުން ވީހާވެސް އަވަހަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރުމަކީވެސް އަޅުގަނޑު ދެކޭ ގޮތުގައި މިދަނޑިވަޅުގައި އަޅުގަނޑުމެން ކުރަން މުހިންމު ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު