ދައުލަތުގެ އާމްދަނީ 72 ބިލިޔަނަށް އިތުރު ކުރާނަށް: ނަޝީދު
އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ 72 ބިލިޔަން ރުފިޔާއަށް އިތުރު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރަށް 72 ބިލިޔަން ރުފިޔާ ހޯދައިދޭނެ ކަމަށެވެ. އޭގެ ތެރެއިން 30 ބިލިޔަން ރުފިޔާ ޚަރަދު ކުރާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކަމަށް ކަމަށް ވިދާޅުވިއެވެ. އަދި 16 ބިލިޔަން ރުފިޔާ ޚަރަދު ކުރާނީ ސަރުކާރުގެ ދަރަަނި އަދާ ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިއަށް މި އޮތް ފަސް އަހަރުގެ ދައުރުގައި އިރާދަ ކުރެއްވީއްޔާ ދައުލަތުގެ އާމްދަނީގެ ގޮތުގައި 72 ބިލިޔަން ރުފިޔާ ސަރުކާރަށް ލިބިގެންދާނެ. އަދި އޭގެ ތެރެއިން 30 ބިލިޔަން ރުފިޔާ ހަރަދު ކުރާނީ ކުރިން ދެންނެވި 137 ޕްރޮޖެކްޓް ހިންގަން. އަދި 37 ބިލިޔަން ރުފިޔާ އިދާރީ ކަންކަމަށާއި އާންމު ހިންގުމަށް ޚަރަދު ކުރެވޭނެ. އަދި 16 ބިލިޔަން ރުފިޔާ ދަރަނި އަދާ ކުރުމަށް ޚަރަދު ކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ސިޔާސީ ފަރާތް ތަކުން ރައްޔިތުނަށް ތަފާތު އެކި ވަޢުދު ތައް ވަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެއް ވެސް ވައުދެއް ފުއްދާނެ ގޮތެއް އަދި އެކަމުގެ ސިޔާސަތެއް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސަތެއް ނެތިވާ ވަޢުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށާއި އަދި އެފަދަ ވައުދު ތަކަކީ ސިޔާސީ ވައުދުތަކަސް ވެސް ނުވާނެ ކަމަށެވެ.
"ސިޔާސީ ވަޢުދަކީ ކަމެއް ކޮށްދޭން ބުނުމެއް ނޫން. ވަރަށް ގިނަ ސިޔާސީ ލީޑަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އަދި މި ފަހުން އައިސް ރިޔާސީ އިންތިހާބުގައި ވެސް ތިބޭފުޅުންނަށް ދަނީ ވަޢުދު ވަމުން. އެކިއެކި ބާވަތް ބާވަތުގެ ކަންކަން ކޮށްދޭނެ ކަމަށް ވަޢުދު ވަމުން. މީގެން އެއްވެސް ކަމަކީ ހަގީގަތުގައި ސިޔާސަތެއް ކިޔައިނުދޭހާ ހިނދަކު އަދި އެ ސިޔާސަތެއް ތަންފީޒް ކުރާނޭ ގޮތް ސާފް ނުވާހާ ހިނދަކު އަދި ތަންފީޒް ކުރުމަށް ހިނގާނޭ ޚަރަދު ނޭނގޭހާ ހިނދަކު އެއީ ސައްހަ ވަޢުދެއް ނޫން. އެއީ ސިޔާސީ ވަޢުދެއް ވެސް ނޫން. ސިޔާސީ ވަޢުދަކީ ސިޔާސަތެއް ތަންފީޒް ކުރީމާވާ ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފުވައްމުލަކު ސިޓީ އަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ބޯޅަދަނޑު ބައިނައްލަޢުވާމީ ފެންވަރަށް ހަދައި އެ ރަށު ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހައްދަވާނެ ކަމަށެވެ. އަދި އެ ރަށު މަގުތައް ހައްދަވާ ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު