ނަޝީދަށް ތާއީދު ކުރަން ގާސިމް ނިންމެވިޔަސް އަދާލަތުން ތާއިދު ނުކުރާނެ- އަލީ ޒާހިރު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޖުމްހޫރީކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވިޔަސް އަދާލަތު ޕާޓީން ނަޝީދަށް ތާއިދު ނުކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލިޑަރ އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ރޭ މ. މާފަންނުވިލާގައި ބައްދަލު ކުރެއްވުމުން އެކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދާލަތުގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ނަޝީދުގެ ރައީސް ނަޝީދުގެ ކިބައިން މިގައުމު ސަލާމަތް ކުރަން ކުރަމުން އަންނަ މަސައްކަތަށް ބަދަލެއް ނާންނަ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 28 ވަނަ ދުވަހު އޮންނައިރު ރައީސް ނަޝީދަށް ތާއިދު ނުކުރެއްވިޔަސް ކޮންމެވެސް ބަޔަކަށް ތާއީދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއިދު ނުކޮށް އެހެން ބަޔަކަށް ތާއިދު ކުރައްވާ ކަމަށްވާނަމަ ދެން ތާއިދު ކުރަންޖެހޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށެވެ. އެއީ ރައީސް ނަޝީދާ ވާދަ ކުރައްވާނީ ޔާމީނަށް ވީމައެވެ.
އަދާލަތު ޕާޓީއަކީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިފައިވާ އެގުޅުމުގެ ވަރަށް އިސް ބައިވެރިއެކެވެ.
ނޫސްވެރިންގާތު އަލީ ޒާހިރު ވިދާޅުވީ ގާސިމް ނަޝީދާ ބައްދަލު ކުރެއްވުމުން އެޕާޓީގެ މެންބަރުންގެ ހިތުގައި ސުވާލުތައް އުފެދިފައިވާ ކަމަށެވެ. އަދި މިބައްދަލު ވުމާ ގުޅިގެން މެންބަރުން ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ފިކުރު ބަދަލުވީތޯ މެންބަރުން ސުވާލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ގާސިމަށް ތާއީދު ކުރައްވާ އުމަރު ނަސީރު ވެސް ވަނީ ގާސިމާއި ނަޝީދުގެ ބައްދަލު ކުރެއްވުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އޭނާ ވިދާޅުވީ ބައްދަލު ކުރެއްވިޔަސް ގާސިމް ނަޝީދަށް ތާއިދު ނުކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ދެވަނަ ބުރުގައި ގާސިމް ނަޝީދަށް ތާއިދު ކޮށްފި ކަމަށްވާނަމަ އޭނާގެ ބައިވެރިންނާއެކު ޖޭޕީ ކޯލިޝަނުން ނިކުންނަވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރެއްވުމަށް ހުރިހާ ރޭވުމެއް ރާވާ ހިންގެވީ އެބޭފުޅުން ކަމަށެވެ. އެހެން ކަމުން އަލުން ނަޝީދު ވެރިކަމަށް ގެންނެވުމަށް ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމާ ގުޅިގެން ޖޭޕީން ރޭ ބުނެފައިވަނީ އެއީ ގާސިމް ގެންގުޅުއްވާ އާންމު ވިސްނުމުގެ ތެރެއިން ކުރެއްވި ބައްދަލުވުމެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުނު ފަހުން ގާސިމްވަނީ ރައިސް މައުމޫނާއި، ރައީސް ވަޙީދާވެސް ބައްދަލު ކުރައްވާފައި ކަމަށް އެޕާޓީން ރޭ ބުނެފައިވެއެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާވެސް ފޯނުން ވާހަކަ ދައްކާފައިވާނެ ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.
ގާސިމަކީ ގައުމުގެ ކަންކަން ހައްލު ކުރުމަށް ސިޔާސީ މީހުންނާ ވާހަކަ ދައްކައިގެން ގައުމު އަމާންކަންމަތީ ބޭއްވުމަށް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށްވެސް ޖޭޕީން ރޭ ނެރުނު ބަޔާނެއްގައި ބުނފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު