ދެވަނަ ބުރުގައި ގޮތެއް ނިންމާނީ ހުށަހެޅުމެއް ލިބުމުން - ޑީއާރުޕީ
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޑީއާރުޕީން އަމަލުކުރާނެ ގޮތެއް އެނގޭނީ ދެވަނަ ބުރުގައި ވާދަކުރާ ދެޕާޓީން ކުރެ ޕާޓީއަކުން ނުވަތަ ދެޕާޓީންވެސް ހުށަހެޅުމެއް އައުމުން ކަމަށް އެޕާޓީގެ މީޑިއާކޯޑިނޭޓަރ އަލީ ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދެވެ.
ދެވަނަ ބުރުގައި ޑީއާރުޕީން ގުޅޭނީ ކޮންޕާޓީއަކާތޯ ދެންނެވުމުން އޭނާ ވިދާޅުވީ "އަދި އެއްވެސް ޕާޓީއަކުން ރަސްމީ ހުށަހެޅުމެއް ނުލިބޭ. ނަމަވެސް އެމްޑީޕީން ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކި ކަމަށްވޭ. އެކަމަކު ޕީޕީއެމްއިން އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކާ. ގައުމަށްޓަކައިވެސް ގޮތެއް ނިންމޭނީ އެފަދަ ހުށަހެޅުމެއް އައުމުން،" ކަމަށެވެ.
އަލީ ވިދާޅުވީ ޑީއާރުޕީއަކީ ވެސް ވަކި ޕާޓީއެއް ކަމަށެވެ. އެޕާޓީންވެސް ގައުމުގެ މުސްތަގުބަލާ މެދު ވިސްނާ ކަމަށެވެ. ނަަމަވެސް އަމިއްލައަށް އިސްވެގެން އެއްވެސް ޕާޓީއަކާ ގުޅެން ނުވިސްނާ ކަމަށެވެ. އެހެންވެ ދެވަނަބުރުގައި ވާދަކު ކުރާ ދެޕާޓީން ޑީއާރުޕީއާ ގުޅެން ބޭނުން ކަމަށްވާނަމަ އެޕާޓީތަކުން އެކަމަށް އެދެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަމަށް އެދުމުން ޕާޓީއަށް ގޮތެއް ނިންމޭނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެޕާޓީއަށް ބަލާއިރު ޑީއާރުޕީން ގުޅޭނެ ޕާޓީއެއް ނިންމުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެއީ އެއްކޮޅުން ވާދަކުރަނީ ޑީއާރުޕީ ޑީއާރުޕީގެ ގޮތުގައި އޮއްވައި އެޕާޓީ "ފުނޑުފުނޑުކޮށް، ފޮތިފޮތި ކޮށްލި" ބޭފުޅާ ކަމަށެވެ. އަނެއް ކޮޅުން ވާދަކުރަނީ ވެރިކަމުގައި ހުންނަވައިގެން "ރައްޔިތުންނަށް ދުއްތުރާ" ކުރަން ފެށުމުން އެވެރިކަމާ ހިތްހަމަނުޖެހިގެން "ޑީއާރުޕީވެސް ހިމެނޭގޮތަށް" އެންމެން ނިކުމެ މުޒާހަރާކޮށް ވެރިކަމުން ދުރުކޮށްފައިވާ ބޭފުޅާ ކަމަށެވެ.
މިދެކޮޅުން ކުރެ ކޮޅެއް އިޚްތިޔާރު ކުރާކަމަށްވާނަމަ ޑީއާރުޕީން ވިސްނާނީ އަދިވެސް ގައުމަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރުގެ ހައިސިއްޔަތުން މިވާހަކަތައް ދެއްކިޔަސް ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު ކައުންސިލުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު