ގާނޫނާ ޚިލާފަށް އިލެކްޝަނުން ކުރިކަމެއް ދައުވާ ކުރެއްވި ފަރާތަށް ބުނެދެވިފައިނުވޭ: އިލެކްޝަންސް
އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ މަސައްކަތްތައް ކުރުމުގައި ގާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރިކަމެއް ދައުވާ ކުރެއްވި ފަރާތަށް ބުނެދެވިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ޒަނީން އެ ދައުވާ ހުށަހަޅުއްވާފައި ވަނީ ޝައްކާއި ވަހުމްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ގާނޫނާ ޚިލާފަށް އިލެކްޝަނުން ކުރީ ކޮންކަމެއްކަން އޭނާ އަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އެމްޑީޕީގެ ވަކީލު އިބްރާހިމް ރިފްއަތު ވިދާޅުވީ އިލެކްޝަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު އެކަންކަން ސާބިތުކުރެވޭ މިންވަރަށް ޒަނީން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.
އިލެކްޝަނާއި އެމްޑީޕީގެ ވާހަކަތަކަށް ރައްދު ދެއްވައި ޒަނީން ވަނީ ވަހުމްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާއެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އިލެކްޝަނުން ދޫކުރާ ސްލިޕް ކޮޅުގައި އޮންނަ މީހާގެ ނަމާއި އައިޑީކާޑު ނަމްބަރު ދިމާނުވުމުގެ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި އެފަދަ ހެކިތަކެއް ވެސް އޭނާ ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ނިމުނީ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު