ކުޑަކުއްޖަކަށް އަނިޔާކުރުމަށްފަހު، ކާލުމަށް ރޭވި އިނގިރޭސިއަކު 27 އަހަރަށް ޖަލަށްލައިފި
ކުޑަކުއްޖަކު ހައްޔަރު ކުރުމަށްފަހު، އަނިޔާކޮށް އެކުއްޖާ ކާލުމަށް ރޭވި އިނގިރޭސިވިލާތުގެ މީހަކު 27 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ޖެފްރީ ޕޯރޓްވޭ 27 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ އެމެރިކާގެ މެސެޗުސެޓްސްގައި ހުންނަ އޭނާގެ ގޭގައި ބިންގަރާހެއް ހަދައި، ކުއްޖަކު ވަގަށްނަގައިގެން އައިސް އެބިންގަރާހަށްލައި އަނިޔާ ކުރުމަށްފަހު ކާލުމަށް އޭނާ ރޭވި ކަމަށް އެއްބަސްވުމުންނެވެ. ޕޯރޓްވޭ ހައްޔަރު ކޮށްފައިވަނީ ކުޑަކުދިންގެ އޮރިޔާން ކާޑުގެންގުޅުމުގެ ތުހުމަތުގައެވެ.
"މިއީ ވަރަށްވެސް ސީރިއަސް މައްސަލައެއް. އަޅުގަނޑުމެންނަށް މީނާ މިނުބައި ޖަރީމާ ހިންގުމުގެ ކުރިން ދެވުނުކަމީ އެއީ ހަމަ ނަސީބެއް،" އެޓަރނީ ކަރމެން އޯރޓިޒް ބުންޏެވެ.
އެފްބީއައިއިން ހާމަކޮށްފައިވާ ގޮތުގައި ޕޯރޓްވޭގެ ގޭގައި ހަދާފައި ހުރި ބިންގަރާހުގައި ގެރިބަކަރި ކަތިލަން ގެންގުޅޭ ވަޅިއާއި ކުޑަ ކޮށްޓަކާއި އަދި ކުޑަކުއްޖަކު ލެވޭވަރުގެ ސަންދޯކެއް ހުއްޓެވެ. އަދި ޕޯރޓްވޭގެ ކޮމްޕިއުޓަރުން 4500 އަށްވުރެ ގިނަ ކުޑަކުދިންގެ އޮރިޔާން ކާޑު ހުއްޓެވެ.
ކުޑަކުދިންގެ އޮރިޔާންކާޑު ވިއްކި ކަމަށްވެސް ޕޯރޓްވޭ ވަނީ ކޯޓުގައި އެއްބަސްވެފައެވެ. އޭނާގެ ލޯޔަރު ހާމަކުރިގޮތުގައި ޕޯރޓްވޭއަކީ ބަލި މީހެއްކަމުން އޭނާގެ އަދަބު ކުޑަވާންޖެހޭނެއެވެ.
"އޭނާ ދިރިއުޅެމުންދިޔައީ އިންޓަރނެޓްގެ ޚިޔާލީ ދުނިޔެއެއްގައި. އޭނާ އަސްލު އެކަން އެގޮތަށް ކުރާކަށެއް ނުނިންމާ. އެއީ އޭނާ ހަމަ އެހެން ކައްކާލި ފޮލާއެއް،" ޕޯރޓްވޭގެ ލޯޔަރު ބުނެފައިވެއެވެ.
27 އަހަރަށް ޖަލަށްލުމުގެ އިތުރުން އޭނާގެ ކޮމްޕިއުޓަރުގައި ހުރި އޮރިޔާންކާޑު ތަކުގައި ހުރި ކޮންމެ ފަސްކުއްޖަކަށް 3000 އެމެރިކާ ޑޮލަރުގެ މަގުން ޖުރިމަނާ ކޮށްފައިވެއެވެ. އަދި ޖަލު ޙުކުމް ނިމުމުން އޭނާ ޑިޕޯޓް ކުރުމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު