ރާޅާ އަޅާ ޒުވާނުންގެ ގަލުގެ ފަރުމާ ދައްކާލަނީ
ރާޅާއަޅާ ޒުވާނުންގެ ހުނަރު ދައްކާލުމަށް ގައު ބޭނުން ކޮށްގެން ތަފާތު ފަރުމާތައް ރާޅުގަނޑު ސަރަހައްދު ތޮށިގަނޑުމަތީގައި ހަދަމުން އެބަދެއެވެ.
މިކަމަކީ ކުރިން ރާވައިގެން ބޭއްވި ކަމަކަށް ނުވިޔަސް އެކަން ފެށުމުން އާމުންގެ ޝައުގުވެރިކަންވެސް ލިބެމުންދާ ކަމަށް ރަޅާއަޅާ ޒުވާނަކު ބުންޏެވެ.
"މިއީ ކުރިން ރާވައިގެން ކުރިކަމެއްނޫން. ހެނދުނު ރާޅާ އަޅަން އައިއިރު ރާޅުތައް އެހާ ރީއްޗެއް ނޫން. އެހެންވެ ތޮށިގަނޑު މަތީގައި ކުއްޖަކު ރީތި ސިފައަކަށް ގާތައް އަތުރައިލީ. އެހިސާބުން ފަހަރަކު މީހަކު އެގޮތަށް އަތުރަންފެށީ،" މިކަން ފެށުނު ގޮތް އެޒުވާނާ ކިޔައިދިނެވެ.
ހެނދުނު 6.00 އެހައިކަންހާއިރު ފެށި މިކަން ހުކުރަށްފަހު ވެސް ކުރިޔަށް އެބަދެއެވެ. މަޖަލަކަށް ފެށި ކަމެއްގައި އެންމެފަހުން އާންމުންވެސް ބައިވެރިވެ ބޭނުންވާ ކޮންމެ މީހަކު އެމީހަކަށް ފެންނަ ގޮތަކަށް ގާއަތުރަން ފެށި ކަމަށް އެޒުވާނާ ބުންޏެވެ.
"އަހަރެމެން އެކަން ކުރަނިކޮށް އެކަމަށް ޝައުގުވެރިވި އާންމުންވެސް ބައިވެރިވީ. ޝައުގު ވެރިކަން ހުރި ކޮންމެ މީހަކުވެސް މިކަމުގައި ބައިވެރިވީ. މިހާރު މިކަން މިވަނީ މީހުން ޝައުގުވެރިވާ އާޓް މަސައްކަތަކަށް ވެފައި،" އޭނާ ބުންޏެވެ.
"ގާތައް އަތުރަމުން ދިޔައިރު އަހަރެމެން ބުނިން އެއްވެސް މީހަކު ސިޔާސީ އެއްވެސް އެއްޗެއް ފެންނަ ކަހަލަ އެއްޗެއް ނުހަދާށޭ. އެންމެވެސް ވަރަށް ކުރާހިތުން މިކަމުގައި ބައިވެރިވެ މިހާރު މިއޮތީ ތޮށި ގަނޑުގެ އެއްކޮށް ކަހަލަ ގޮތަށް ފުރިފައި،" އޭނާ ބުންޏެވެ.
މިއީ ސިޔާސީ ކަންކަމުގައި މީހުން ހޭބޯނާރާ އުޅޭ ދުވަސްވަރެއްގައި ޒުވާނުންތަކެއް ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށް އެތަން ބަލަން ދިޔަ މީހުން ބުނެފައިވެއެވެ.
"މިއޮތީ ރަނގަޅު ފެންވަރުގެ އާޓުގެލެރީއެއް. ވަރަށް ސަޅި. މިކުދިންގެ ވިސްނުން ކިހާ ރަނގަޅު. މިކަން އެބަޖެހޭ ބަލައިގަންނަން. ހަފްތާގެ ބަންދު ދުވަހަކާ ދިމާކޮށް މިކުދިން ކޮށްފައިވާ މިމަސައްކަތަކީ އާއިލާތަކުންވެސް ބައިވެރިވާން ރަނގަޅު ކަމެއް،" އެމަންޒަރު ބަލަން ދިޔަ ޒާހިރު ބުންނެވެ.
ކިޔުންތެރިންގެ ހިޔާލު