ނޭޕާލާއި އިންޑިޔާ ސެމީގެ ފުރުސަތު ބޮޑު ކޮށްފި

ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި ލޭޕާލާއި އިންޑިއާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ނޭޕާލް ސެމީފައިނަލުން ފުރުސަތު ބޮޑުކުރީ މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްގެންނެވެ. އަދި އިންޑިޔާ ފުރުސަތު ބޮޑުކުރީ ބަންގްލަދޭޝާ ދެކޮޅަށް މިއަދު ކުޅުނު މެޗު އެއްވަރުކޮށްގެނެވެ.

ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެންމެފަހުގެ ޗެމްޕިއަން އިންޑިޔާއިން އާކުރީ މިއަދު މެންދުރުފަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ މެޗުގެ އެންމެފަހު ސިކުންތުގައި ކެޕްޓަން ސުނިލް ޗެތުރީ ކާމިޔާބު ކޮށްދިން ހިލޭޖެހުމުން 1-1 އިން އެއްވަރު ކޮށްގެންނެވެ.

ފުރަތަމަ މެޗާ އެއްގޮތަށް މިމެޗުގައިވެސް އިންޑިޔާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އިންޑިޔާ ސިއްސުވާ ލުމަށްފަހު މެޗުގެ 82 ވަނަ މިނެޓުގައި ލީޑް ނެގީ ބަންގްލަދޭޝްއިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ރަހްމާން މެޝޫއެވެ. މިލަނޑާއެކު އިންޑިޔާއިން ކައިރި ކައިރީގައި ދެބަލުކޮށް ހަމަލާތައް ވަރުގަދަ ކުރިއެވެ.

ފުރަތަމަ މެޗުގައި ޕާކިސްތާން އަތުންވެސް "ނަސީބަކުން" މޮޅުވެފައިވާ އިންޑިޔާއަށް މިމެޗުގައިވެސް ނަސީބު އެހީވީ މެޗުގެ އެންމެފަހު ސިކުންތުގައި ލިބުނު ހިލޭ ޖެހުމުންނެވެ. ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންގެ ރިޒާވް ޓީމަށާއި އެމެރިކާގެ މޭޖަރ ސޮކަރ ލީގުގައި ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑް ޗެތްރީ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ބަންގްލަދޭޝް ގޯލުގެ މަތީ ކަނަށެވެ.

މިނަތީޖާއާއެކު ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އިންޑިޔާއިން ބޮޑު ކުރީ މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާއި ފައިދާ 1 ލަނޑާއެކުއެވެ.

މުބާރާތް ބާއްވަމުންދާ ގައުމު ނޭޕާލްއިން ސެމީގެ ފުރުސަތު ބޮޑު ކުރީ މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ކޮށްގެންނެވެ. ދަނޑަށް ވަދެތިބި ފަންސަވީސް ހާހެއްހައި ސަޕޯޓަރުން ސިއްސުވާލުމަށްފަހު މެޗުގެ 14 ވަނަ މިނެޓުގައި ޕާކިސްތާނަށް ލީޑް ނަގަދިނީ ފޯވާޑް ހަސަން ބަޝީރެވެ.

މިލަނޑާއެކު ނޭޕާލް ކުޅުންތެރިން ޕްރެޝަރ ކުރިމަތިވިއެވެ. އެހެންނަމަވެސް ދެން ފެނިގެންދިޔައީ ކުޅުން ރަނގަޅުކޮށް މެޗް ނިމެންދެން އެއްވާނެއްގައި ނޭޕާލުން ހަމަލާ އުފައްދަމުން ދިޔަތަނެވެ.

މެޗުން ބަލިވާނެކަމަށް ބަލައި ގިނަ އަދެއްގެ ސަޕޯޓަރުން ދަނޑުން ނުކުންމުން ދިޔަ ދަނޑިވަޅެއްގައި ނޭޕާލްގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިނީ އުމުރުން އެންމެ 15 އަހަރުގެ ފޯވާޑް ބިމާލް ގާތީ މަގަރްއެވެ. ޕާކިސްތާނުގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ މަޑުމަޑުން ގޯލުގެ ތެރެއަށް ބިމާލް ފޮނުވާލީ މެޗުގެ އިތުރު ވަގުތުގައެވެ.

މިނަތީޖާއާއެކު މިގްރޫޕުގެ ކުރީގައި ނޭޕާލް އޮތީ 4 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކުއެވެ.

މިގްރޫޕުގެ ފަހު މެޗުގައި އަންނަ ބްރާސްފަތި ދުވަހު އިންޑިޔާ އާއި ނޭޕާލް ބައްދަލު ކުރާ މެޗުން މިދެގައުމު ބަލިނުވެ ފަރުޖައްސައިފިނަމަ މިގްރޫޕުން ސެމީފައިނަލަށް ދާނީ މިދެގައުމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :