އަންނަ މަހުން ފެށިގެން މަސްވެރިންނަށް އެލަވަންސް ލިބޭނެ: ޝައިނީ

"ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާ" ގެ ވައުދުގެ ދަށުން މަސްވެރިންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ފައިސާ އަންނަ މާޗުމަހުން ފެށިގެން މަސްވެރިންނަށް ދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އިއްޔެ ވިދާޅުވީ "ބެޔަސް ނުބެޔަސް" ގެ ވައުދުގެ ދަށުން މަސްވެރިންނަށް އެލަވަންސް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތައް އަންނަ މަސްތެރޭގައި އާންމު ކުރެވޭނެ ކަމަށެވެ. އަދި އެމަސްތެރޭގައި އެލަވަންސްވެސް ދޭން ފަށާނެ ކަމަށެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ މިއެލަވަންސް ދިނުމަށް މިހާރުވަނީ މަސްވެރިންގެ ދަފްތަރު އެކުލަވާލެވިފައި ކަމަށެވެ. އަދި ދޯނި މަހަށް ފުރިކަން ޔަގީންކުރަން ހަރުކުރަން ޖެހޭ ޓްރެކިންގ ޑިވައިސްތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މިކަން ކުރަން ފެށުމުގެ ކުރިން މަސްވެރިޔާވެސް އިންވެސްޓެއް ކުރަން ޖެހެއެވެ. ނަމަވެސް މަސްވެރިޔާގެ އަތުން ނަގާނީ ކިހާވަރެއް ކަމެއް އަދި ކަނޑައަޅައިފައި ނުވާކަމަށެވެ. އެކި މަސްވެރިން އިންވެސްޓް ކުރަންޖެހޭނީ އެކި ވަރަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަންވެސް ނިންމަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްވެރިންގެ ދަފްތަރުގައި ގާތްގަނޑަކަށް 15000 މަސްވެރިން ރަޖިސްޓްރީ ވެފައިވެއެވެ. މިއެންމެންނަށްވެސް އެލަވަންސް ދިނުމަށް ސަރުކާރުން ވިސްނަނީ ބަޖެޓަށް ބާރުބޮޑުނުވެ ދާއިމީ ގޮތަކަށް ކުރިއަށް ގެންދެވޭނެ އުސޫލެއް ކަނޑައަޅައިގެން ކަމަށްވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ޝައިނީ ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ދެމުންގެންދާ ސަބްސިޑީޒް ދެމުން ގެންދަނީ މަސްވެރިންގެ ބަދަލުގައި އޮޑިވެރިޔާއަށް ކަމަށް ބައެއް މަސްވެރިން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިހާރު ދިނުމަށް ނިންމާފައިވާ "ބެޔަސް ނުބެޔަސް ދިހަހާސް ރުފިޔާ" ގެ އެލަވަންސް ސީދާ މަސްވެރިޔާއަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު