ރާއްޖެއަށް ބޭނުންވި ހުރިހާކަމެއް އިންޑިއާ ސަރުކާރުން ހައްލު ކޮށްދެއްވި: ރައީސް
ރާއްޖެއަށް ދަތިވެގެން އިންޑިއާސަރުކާރުގައި އެދިވަޑައިގެންނެވި ހުރިހާކަމެއް އިންޑިއާއިން ހައްލުކޮށްދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ރައީސްގެ ދައުވަތަށް އެގައުމަށް ކުރެއްވި 4 ދުވަހުގެ ރަސްމީދަތުރުފުޅަށްފަހު މާލެ ވަޑައިގެން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރަށް ދަތިވެފައިވާ ވަރަށްގިނަ ކަންކަން އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވި ކަމަށެވެ. ހުށަހެޅުއްވި ހުރިހާ ކަންކަންވެސް އިންޑިޔާ ސަރުކާރުން ބަލައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ސާފުކުރި ތެޔޮ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވުމާއެކު، އިންޑިޔާގެ ކޮޗިންއިން ބަހާރަތު ޕެޓްރޯލިއަމުން ތެޔޮ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވުމުން އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް އިންޑިއާއިން އެބަސްވި ކަމަށެވެ. މިކަން މިހެން ވެއްޖެނަމަ ރާއްޖެއިން މިހާރަށްވުރެ އަގުހެޔޮކޮށް ތެޔޮލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދުރުދގައުމަކުން ގެނައުމަށްވުރެ ބޮޑަށް އަވަށްޓެރި ގައުމަކުން ގެނައުމުން އަންނަ ބަދަލެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެންމެ މުހިންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތަކެތީގެ ކޯޓާ އިތުރުކޮށްދެއްވުމަށް އެދިވަޑައިގަތުމުން، އެކަންވެސް އިންޑިއާއިން ކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.
އިންޑިޔާއަށްދާން ވިސާ ހޯދުމަށް ދިމާވި މައްސަލަވެސް އެގައުމުން ހައްލުކޮށްދެއްވި ކަމަށް ވިދާޅުވިއެވެ. ވިސާގެ އެއްވެސް ދަތިކަމެއް ދިވެހިންނަށް މިހާރު ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިޔާގެ ރައީސަށާއި، ނައިބު ރައީސަށާއި، އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު އެރުއްވުމުން އެކަންވެސް އެބޭފުޅުން ޤަބޫލުފުޅު ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު