އަލްހާން ގަޔަށް މިރޭ ވަޅިހަރައިފި
ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ހަށިކޮޅަށް ބަޔަކު މިރޭ ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމަކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމާލާދިން މީހުން އޭނާއަށް ހަމަލާދީފައިވަނީ އާޓިފިޝަލް ބީޗުގައި ހުންނަ ބްރޭވޯޓަރ ރެސްޓޯރެންޓު ކައިރީގައި ހުންނަވަނިކޮށް މިރޭ 9.00 އެހައިކަންހާއިރު އައި ގުރޫޕަކުންނެވެ.
އޭނާގެ ބުރަކަށީގެ ދެތިންތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ އޭނާއަށް ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަކީ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ ޒަޚަމްތަކެއް ނޫންކަމަށް އޭޑީކޭ ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.
މިހަމަލާއާ ގުޅުންހުރި އެކަކު ހައްޔަރުކޮށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި މިހާރުވަނީ ފުލުހުން ހޯދައިފައި ކަމަށްވެސް މައުލޫމާތި ލިބިފައިވެއެވެ. މިމައްސަލައިގެ ތަހުގީގުވެސް ފުލުހުންވަނީ ފަށްޓަވާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލްހާނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ރޭ ވަނީ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ސައިކަލެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިކަމާ ގުޅިގެން ހައްޔަރުކުރި މީހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމުގެ ބޭބެ މުޙައްމަދު ކިނާނަތު ހިމެނޭކަމަށް ބައެއް މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.
ޢާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އަލްހާނު ޙާލަތު އެހާސީރިއަސް ނޫންކަމަށް ޑޮކްޓަރުން ބުނަމުންދަނީ އަލްހާންވާހަކަ ދައްކާތީ ކަމަށެވެ. ނަމަވެސް މިހަމަލާއާ ގުޅިގެން މައިބަދައާ ގުޅުންހުރި ނާރެއްވަނީ ބުރިވެފައެވެ. އަދި އެއްފައިގެ ވާގިވެސް މިހާރުވަނީ ނެތިފައި ކަމަށް ޢާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިރޭ ދަންވަރުގެ ފްލައިޓުން އޭނާ ލަންކާއަށް ގެންދިޔުމަށް އާއިލާއިންވަނީ ނިންމާފައެވެ. މިހާރު އޭނާ ލަންކާއަށް ގެންދިޔުމަށް އޭޑީކޭއިން ނެރެގެން އެއާޕޮޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު