ލަންކާއާއި ރާއްޖެއާ ދެމެދު ތިންއެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ތިންއެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ ކުރައްވާފައިވަނީ ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވައި، ފުލުހުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އެން.ކޭ. އިއްލަންގަކޫންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް ޙުޞައިން ވަހީދު ކަމަށް ރައީސް އޮފީހުންވަނީ ހާމަކުރައްވާފައެވެ.
ޒުވާނުން ތަރައްޤީކޮށް ތަމްރީނުކުރުމުގައި އެއްބާރުލުން ހޯދައި، ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން މިއަދު ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑަލަސް އަލަހައްޕެރުމާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒު ދުންޔާ މައުމޫން ކަމަށްވެސް ރައީސް އޮފީހުންވަނީ ހާމަކުރައްވާ ފައެވެ.
މީގެ އިތުރަށް ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައިވެސް މިއަދު ސޮއި ކުރެއްވިއެވެ. މި އެއްބަސްވުމުގައި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް މަހިންދަނަންދަ އަލުތުގަމަގެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވުން އޮތީ، ދެޤައުމުގެ މެދުގައި މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައެވެ. ރައީސް ޔާމީން ލަންކާއަށް ވަޑައިގެންނެވީ އިއްޔެއެވެ.
ކިޔުންތެރިންގެ ހިޔާލު