މިނިވަން ޚާރިޖީ ސިޔާސަތެއް ހިންގޭނީ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން: ރައީސް ޔާމީން
މިނިވަން ޚާރިޖީ ސިޔާސަތެއް އަމިއްލއަށް ހިންގޭނީ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ފަސްއަހަރަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު އިއުލާން ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިކަންކަން ކުރުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރަން ޖެހޭކަމަށެވެ. "މިނިވަން ޚާރިޖީ ސިޔާސަތެއް، މިއަދުގެ ދުނިޔޭގައި ހިންގޭނީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެގެން. ހަމައެޔާއެކު، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ދިވެހީންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށާއި، މިކަންކަމަށް މަގުފަހިކޮށްދީގެން. ރާއްޖެއަށް ބޭރުގެ އެހީތައް ލިބޭނެގޮތަށް މަގު ތަނަވަސްވެގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެއް އަމާޒަކީ، ބޭރުގައުމުތަކަށް ދަތުރުކުރާ ދިވެހިންނާއި، ބޭރުގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ. އެގޮތުން ވިސާ ހޯދައިދިނުމުގައި ސަރުކާރުން އެހީތެރިވެދިގެން، ބޭރު ޤައުމުތަކުގައި ކިޔަވަންތިބޭ ދިވެހި ކުދީންނަށް ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހޯދައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންނަކީ، އެމީހުންނަށް ދިވެހި ދައުލަތުން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބިގެން، އަބުރުވެރިކަމާއެކު އުޅެވޭނެ ބަޔަކަށް ހަދައިދޭން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ބަދަލުތައް ގެނެސް، ދިވެހި ޚާރިޖިއްޔާއަކީ ނަތީޖާ ނެރެވޭފަދަ ގާބިލު މުއައްސަސާއަކަށް ހެދުމަށްޓަކައި، ފޮރިން ސަރވިސްއާ ބެހޭ ޤާނޫނެއްގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ ކުރަމުން. އެ ބިލު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ. އިރާދަކުރެއްވިއްޔާ ފޮރިން ސަރވިސްގެ ޤާނޫނު ވުޖޫދަށް އައުމުން، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގައިވެސް ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ޤާއިމުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިގޮތަށް ކަނޑައަޅާ އެއްވެސް ސިޔާސަތެއްގެ ސަބަބުން، ރާއްޖޭގެ އަމާންކަން ގެއްލިގެންނުވާނެ ކަމަށެވެ. "އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ޖާގަދެވިގެނެއް ނުވާނެ. މިފަދަ ކަންކަމަކީ، ސަރަޙައްދީ ޤައުމުތަކަށާއި، ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ އެހެން ޤައުމުތަކަށްވެސް އެކަމުގެ އަސަރު ފޯރާނޭ ކަންކަން. އަމާން ދިވެހިރާއްޖޭގެ ގޮނޑުދޮށުން އުފެދޭ ރާޅަކީ، ބަވަނަވެފައިވާ ދުނިޔޭގައި އިންޑިޔާ ކަނޑާއި އެޓްލާންޓިކު ކަނޑާއި ޕެސިޕިކް ކަނޑާ ހަމަޔަށް ފޯރާނެ ރާޅު ކަމުގައި އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ، ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތެކޭ އެއްފަދައިން ކަމަށެވެ. އެއީ އެއް ޤައުމުން އަނެއް ޤައުމުގެ އިސްތިޤްލާލަށް އިޙުތިރާމު ކުރުމުގެ އަސާސް ކަމަށްވެސް ވިދާޅުވިއެވެ. ދޭދޭ ޤައުމުގެ ގުޅުން ކުރިއަށްގެންދަން ޖެހޭނީ މަޝްވަރާގެ މަތިވެރި އުސޫލުން، ޑިޕްލޮމަސީގެ ރޫޙާ އެއްގޮތަށް، ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ޤަބޫލުކުރަނީ ކުޑަޔަސް ބޮޑަސް ކޮންމެ ޤައުމަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ޤައުމެއްގެ ގޮތުގައި." ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު