ލޯކަލް ކައުންސިލް އިންތިޚާބު މިއަދު ބާއްވައިފި
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު 7:30 ގައި ފަށަންއޮތް އިންތިޚާބު އޮފިޝަލުންނަށް އޮޅިގެން އެއްރަށެއްގައިވަނީ އަވަހަށް ފަށައިފައެވެ. އަދި ތިން ރަށެއްގައިވަނީ ލަހުން ފަށައިފައެވެ.
ރާއްޖޭގައި ބޭއްވި މިފަދަ ދެވަނަ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވާ މީހުންގެ އަދަދު މަދުކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. ނަމަވެސް ވޯޓުލާން ނިކުން ޕަސެންޓޭޖު އެނގޭނީ ވޯޓުލައި ނިމުމުން ކަމަށް އެތަނުންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ފަސްދޮޅަސް އިންސައްތަ މީހުން ވޯޓުލާނެ ކަމަށް އިލެކްޝަނުން ލަފާކުރައްވައެވެ.
އިންތިޚާބުގެ ވޯޓުލައި ނިމިފައިވާއިރު ވަގުތީނަތީޖާ އިއުލާން ކުރެވޭނީ މާދަމާރޭ ކަމަށް އިލެކްޝަނުންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ވަރަށް އަވަހަށް ނަތީޖާ އިއުލާން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެތަނުންވަނީ ހާމަކުރައްވާފައެވެ.
2011 ވަނައަހަރު ބޭއްވި ލޯކަލްކައުންސިލް އިންތިޚާބުގެ ވޯޓުގެ ނަތީޖާވެސް ވަނީ ލަސްވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއީ ރިޔާސީ އިންތިޚާބުހާ ފަސޭހަ އިންތިޚާބެއް ނޫންކަމަށެވެ. ވޯޓު ގުނުމަށް 17 ހާސް ޝީޓު ބޭނުން ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަލީ މުހައްމަދު މަނިކު ވަނީ ވިދާޅުވެފައެވެ.
އެހެން އިންތިޚާބުތަކާ ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓުލާމީހުންގެ ލިސްޓު ފޮޓޯއާއެކު ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން މީހުންގެ ޒާތީ މައުލޫމާތު އާންމުކުރި ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިލެކްޝަނުންވަނީ ހާމަކުރައްވާފައެވެ. އަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާމް އަބްދުﷲ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މޫނުބުރުގާ އަޅާ މީހުންގެ އައިޑީކާޑުގެ ކޮޕީ އާންމު ތަންތަނުގައި ހިއްޕުމަކީ އިސްލާމީ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެބޭފުޅުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
ވޯޓުގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިފައިވާ ކަމަށެވެ. މިއިންތިޚާބުގައިވެސް ތަފާތު ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް ކޮމްޕްލެއިންޓްސް ބިއުރޯއިން ހާމަކުރައްވާފައިވެއެވެ. އަދި ވޯޓު ކަރުދާސް ދެއްކި މައްސަލައާއި، ހަމަނުޖެހުން ހިންގަން އުޅުމުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ.
މިއިންތިޚާބުގައި 2462 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އަދި ވޯޓުލުމަށް ޖުމްލަ 464 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު