"ޕޮލިސް ވިތު ޔޫތު" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށަނީ
"ޕޮލިސް ވިތު ޔޫތު" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިމަހުގެ 29 ވަނަދުވަހު ފަށާނެ ކަމަށް ކޮމިޝަނަރއޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީގައި ސީސީޓީވީ ކެމެރާ ހަރުކުރުން އިފްތިތާހު ކޮށްދެއްވުމަށް އައްޑޫސިޓީކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފުލުހުން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ކޮމިޝަނަރއޮފް ޕޮލިސް ވިދާޅުވިއެވެ.
މިޕްރޮގްރާމުގައި ބައިވެރިކުރާނީ ސްކޫލްތަކުގެ ކެޑޭޓުންނާއި މަސައްކަތެއް ނެތި ތިބޭ ޒުވާނުންނެވެ. މިޕްރޮގްރާމުގައި ޒުވާނުން ފުލުހުންގެ މަސައްކަތުގެ ތެރޭގައި ބައިވެރިކޮށްގެން، މަސައްކަތުން ތަޖުރިބާ ހޯދައިދެއްވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ.
އައްޑޫ ސިޓީގައި މިހާރުވަނީ 2 ކެމެރާ ހަރުކޮށްފައެވެ. މިހާރު ކެމެރާ ބަހައްޓާފައިވަނީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން އަދި މިހާރު އައްޑޫ ސިޓީ ކަސްޓޯޑިއަލް ހުރި އިމާރާތް ކައިރީގައި ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. އައްޑޫސިޓީގެ ހަތަރު ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފްޕޮލިސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވީ އައްޑޫ ސިޓީގައި ކެމެރާ ހަރުކުރުމުން އެ ސިޓީގައި އަމާންކަން ގާއިމްކުރެވި ރަނގަޅު މުޖުތަމައެއެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ކެމެރާތައް ހަރުކުރުމާއެކު ފުލުހުން ކުރަމުންދާ މަސައްކަތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މަގުމަތީގެ ހާދިސާތައް މަދުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު