ފަސޭހަކަމާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް އަމިއްލަ ފަރާތްތަކުންވެސް ހަމަޖައްސައިދޭންޖެހޭ: ނާއިބު ރައީސް
ސިއްހީ ފަރުވާއަކީ ޚިދުމަތެއް ކަމަށް ދެކި ރައްޔިތުންނަށް އެޚިދުމަތް ފޯރުކޮށް ދިނުމަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ސިއްހީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ރާއްޖޭގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އިއުލާންކުރުމަށް ރޭބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިން ކެންޕޭން ކުރެއްވި އިރު ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް 21 ކަމެއް ހާސިލް ކުރަން ނިންމަވާފައިވާ ކަމަށެވެ. އެކަންކަން ހާސިލް ކުރުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތް ފަށްޓަވާފައި ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުނޫނަސް އަމިއްލަ ފަރާތްތަކުންވެސް ރައްޔިތުންނަށް ސިއްހީ ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އެހެން ކަމުން އެފަރާތްތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމެއް ހަމަޖައްސައި ދޭންޖެހޭ ކަމަށެވެ.
މިޚިދުމަތަކީ ހަމައެކަނި ސަރުކާރުން ދޭންޖެހޭ ޚިދުމަތެއް ކަމަށް ދުށުމުގެ ބަދަލުގައި މިކަމަށް އަމިއްލަ ފަރާތްތަކުގެ އެއްބާރުލުންވެސް ވަރަށް ބޭނުންވާ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިއްހީދާއިރާއަށް ދިމާވެފައިވާ މަސައްލަތަކަކީ މުޅިރާއްޖެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑުގޮންޖެހުންތަކެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ މިހާރުވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އެކަން އެހެންވާން ދިމާވި ސަބަބަކީ ފާއިތުވި ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ގެނެސްފައިވާ އިންތިޒާމު ތަކުގެ ސަބަބުން ދިމާވި މައްސަލަތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަލަށް ދިމާވީ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ފަރުވާ ނުލިބި ބޭރަށް ދާންޖެހުމުން ވަރަށް ބޮޑެތި ޚަރަދު ރައްޔިތުން ކުރަން ޖެހުނު ކަމަށެވެ.
"ރައްޔިތުންނަށް ސިއްހީ ގޮތުން އަލަށް ދިމާވި މައްސަލަތަކަކީ އެމައްސަލަތަކަށް ރާއްޖެއިން ފަރުވާ ލިބެންނެތުމުގެ ސަބަބުން ގިނަރައްޔިތުންތަކެއް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުމަކީވެސް ރައްޔިތުންނަށް ސިއްހަތަށްޓަކައި ހޭދަކުރަން ޖެހޭމިންވަރު އިތުރުވެ އުފުލަންޖެހޭ ތަކުލީފް ބޮޑުވެގެންދިޔުމުގެ އެއްސަބަބު" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރޭ ފެށި ޕްރޮގްރާމަކީ މިމައްސަލަތަކަށް ކުރިއަށްއޮތް ފަސްއަހަރު ތެރޭގައި ހައްލު ހޯދުމަށް ފަށާމަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިޕްރޮގްރާމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭންވީ މިހާރު ދެމުންދާ ޚިދުމަތް މިހާރަށްވުރެ ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ދިނުން ކަމަށެވެ.
އެމަނިކުފާނު ސަރުކާރުން ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކުރާމަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ އެއްވެސް ރައްޔިތަކަށް ސިއްހީ ފަރުވާ އިން މަހުރޫމުނުވެ ފަރުވާ ލިބުން ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު މި މަސައްކަތް އަޅުގަނޑުމެން ހައްލުކުރަން ޖެހިފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގަށްޓަކައި، މިއީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށް ދެކިގެން،" އާޓް ގެލެރީގައި ބޭއްވި ހަފުލާގައި ނާއިބު ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު