ރާއްޖޭގައި ގާނޫނީ ހުކޫމަތު ހިނގާނެކަން ސާބިތު ކޮށްދޭނަން: ހޯމްމިނިސްޓަރ
ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމާތު ހިނގާނެ ކަމަށާއި މިފަސްއަހަރުތެރޭ އެކަން ސާބިތު ކޮށްދެއްވާނެ ކަމަށް މިނިސްޓަރއޮފް ހޯމްއެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ހޯމްނިސްޓަރަކަށް ހުންނެވިހާ ދުވަހަކު" އެއްވެސް މުއައްސަސާ އަކަށްވެސް އަދި އާންމު ފަރާތަކަށްވެސް ގާނޫނުން ބޭރުން ހަރަކާތްތެރި ވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ މިނިސްޓަރު ކަމުގެ ދަށުގައި އަޅުގަނޑުގެ ދަށުން ހުރި އެއްވެސް މުއައްސަސާއަކަށް އެކަން (ގާނޫނާ ޚިލާފުވުން) ނުކުރެވޭނެ. ގާނޫނުގެ ތެރެއިން ހުރިހާ ކަމެއްވެސް ކުރެވޭނީ. އަދި އަޅުގަނޑުވެސް އެކަންކުރާނީ އެހެން. އަދި އަޅުގަނޑުގެ ދަށުންހުރި ހުރިހާ ސެކްޓަރތައްވެސް މަސައްކަތް ކުރާނީ އެގޮތަށް. އަދި ގާނޫނު ހުރިހާ އެންމެންގެ މައްޗަށް ހިނގާ ގައުމެއްގެ ގޮތުގައި ދިވެހިގައުމު ހެދުމަށް އަޅުގަނޑުމެންނަށް ކުރެވެންއޮތް ހުރިހާމަސައްކަތެއް ކުރާނަން،" އުމަރު ވިދާޅުވިއެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރ ޑރ. އަފްރާޝީމުގެ މަރާބެހޭ ގޮތުން އުމަރު ވިދާޅުވީ އެކަން ކޮށްފައިވަނީ ގޭންގަކުން ކަމަށެވެ. އެއީ "ކޮންޓްރެކްޓެއް"ގެ ދަށުން ހިނގި ކަމެއް ކަމަށްވެސް ވިދާޅުވީއެވެ.
އެކަމަށް ފަންޑުކުރި މީހުންނާއި ރޭވި މީހުންގެ މައްސަލަތައް މިހާރުވެސް ބައްލަވަމުންދަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް މީހުންގެ މައްސަލަ މިހާރު ކޯޓަށް ފޮނުވާފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. މިމައްސަލާގައި ވީހާވެސް އަޑިއަށް ފައިބާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކުރި މީހުންނާއި އެމީހުންގެ މޯޓިވޭޝަންއަކީ ކޮބައިކަންވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި މިހާރުހުރި ހެކިތަކަށް ބަލާއިރު އެކަންކުރި މީހުންނަށް ހައްގުވެގެންވާ އަދަބު ލިބޭނެ ކަމަށް ވަރަށް ޔަގީނާގާތަށް ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމަނިކުފާނު ހޯމްމިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވިއިރުވެސް ފުލުހުންވަނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ވަރަށްބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނައަހަރުގެ އޮކޮޓޯބަރުމަހުގެ ފުރަތަމަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މިމައްސަލާގައި ދެމީހެއްގެ މައްޗަށް ކޯޓުގައި ދައުވާ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ އަޑުއެހުންތައް މިހާރުވަނީ ނިންމާލާފައެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ކޯޓުން ހާމަކުރައްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު