އައްޑޫ ސިޓީކައުންސިލަށް ހަމަޖައްސާފައިވާ ބަޖެޓުން އަންނަ އަހަރުވެސް ނުފުދޭނެ:މޭޔަރު

އަންނަ 2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫސިޓީ ކައުންސިލަށް ކަނޑައަޅާފައިވަނީ 40 މިލިއަންރުފިޔާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ 40 މިލިއަން ރުފިޔާއަކީ މުޅި އަހަރަށް ބަލާއިރު ފުދޭނެ ބަޖެޓެއް ނޫންކަމަށެވެ.

ނިމިގެންމިދާ 2013 ވަނައަހަރަށްވެސް އައްޑޫސިޓީއަށް 53 މިލިއަން ރުފިޔާ ހަޖަމަ ޖެއްސުމުން އެވަރުން ނުވާނެ ކަމަށް ސަރުކާރުގައި ދެންވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަހަރުވެސް ފައިސާ އިތުރުކޮށްދީފައިނުވާ ކަމަށެވެ.

މުޅި އަހަރަށް ބަލާއިރު އެފައިސާއިން މުއައްޒަފުންނަށް މުސާރަދީފައިވާ ބާކީވީ 8 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. ފައިސާ މަދުވުމުން ކަރަންޓް ބިލްތަކާއި، ފޯންބިލްތައްވެސް ވަނީ ނުދެއްކިފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން ފޯނާއި، ފެކްސްގެ ޚިދުމަތް ވަނީ ގުޅައިދީފައެވެ. ފޯނާއި، ފެކްސްގެ ޚިދުމަތުގެ ބިލަށް އެއްލައްކަ އަށްވުރެ ގިނަރުފިޔާ އަރާފައިވެއެވެ. އަދި ކަރަންޓް ބިލަށް ޖުލައި މަހުން ފެށިގެން މިހިސާބަށް 2 މިލިއަނަށްވުރެ ގިނަރުފިޔާ ވަނީ އަރައިފައެވެ.

ސޯބެ ވިދާޅުވީ މިއަހަރު 53 މިލިއަން ރުފިޔާއިން ނުފުދުނުއިރު އަންނައަހަރު 40 މިލިއަން ރުފިޔާއިން ފުއްދާލެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރުވެސް އައްޑޫސިޓީ ކައުންސިލަށް ފައިސާގެ މައްސަލަ ދިމާވެ ބޮޑެތި މައްސަލަ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ސިޓީކައުންސިލްގެ މުހުތާދުތަކަށް ފިހާރަތަކުން ނަގާފައިވާ ބައެއް ސާމާނުތަކަށް ފައިސާ ނުދައްކައިގެން އެފިހާރަތަކުން އެތަނަށް މިހާރު އެއްވެސް އެއްޗެއް ދަރަންޏަށް ނުދޭ ކަމަށެވެ.

ސަރުކާރުން ވަނީ އަންނައަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 17.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :