ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަށްފަހު ފިލައިގެން އުޅުނު ކާމިލް ހައްޔަރު ކޮށްފި
ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި، ހޯދުމަށް އިއުލާން ކޮށްފައިވާ އއ. އުކުޅަސް، ބީޗްރެސްޓް، ކާމިލް އިބްރާހީމް (24އ) ރޭ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހާމަ ކުރައްވާފައިވާ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މ.ބަހުރޭނު ގެއިން ނެވެ. އޭނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓަލިޖެންސް މައުލޫމާތުގެ ބޭނުން ކޮށްގެންނެވެ.
ރޭ އޭނާ ހައްޔަރު ކޮށްފައިވާއިރު މީގެ ކުރިން ފުލުހުންވަނީ ދެ ފަހަރެއްގެ މަތިން އޭނާ ހޯދުމަށް އިއުލާން ކުރައްވާފައެވެ.
ރޭ 23:30 އެހައިކަންހާއިރު އޭނާ މ. ބަހުރޭނު ގެއިން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.
ކާމިލް ފިލުވުމަށް މަސައްކަތް ކޮށްފި ކަމަށްވާނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ކުރިން ފުލުހުންވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ. އެހެން ކަމުން އޭނާ ފިލުވި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކަށް ފުލުހުންވަނީ އެއިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައެވެ. "ކާމިލް އިބްރާހިމްއަކީ 2013 އޮކްޓޯބަރު 05 ވަނަ ދުވަހުގެރޭ ޗާންދަނީމަގު ދިރާގު ލައިޓްކައިރީ ސަލާމަތީ ގޮތުންފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފޫއަޅުވާލުމަށްފަހު ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެ ޗާންދަނީ މަގު އޯކިޑްމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރުކޮށްފައި ހުރިސީސީޓީވީ ކެމެރާއަށް ގެއްލުންދީ ހަލާކުކޮށް، އެސަރަޙައްދުގައި އަމަން ބަލަހައްޓަން ހަރަކާތްތެރި ވަމުންދިޔަ ފުލުހުންނަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު" މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކާމިލްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މިހާރުވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު