ނުވަމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މާލޭގައި ރޭ ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 12 މީހުންގެ ތެރެއިން 9 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދެއްވައިފިއެވެ.

ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު. ދަނޑިމަގުގެ އިބްރާހިމް ޢަބްދުއްރަޙުމާން (29އ) އާއި ހއ. ހޯރަފުށި، ޑީންސްވިލާ ހާޝިމް މުޙައްމަދު (35އ) އާއި ފ. ބިލެއްދޫ، ހިމާލިޔާ އިސްމާޢީލް މުފީދު (46އ) އާއި އދ. ފެންފުށި، ޒަމާނީވިލާ އަޙްމަދު މުޙައްމަދު (42އ) އާއި ސ. މަރަދޫ، މޯރނިންގރޯރީ ޢަބްދުލްހާދީ (57އ) އާއި މ. ޖަރީމާގެ، ޢަބްދުﷲ ޖާވިދު (36އ) އާއި ނ. މާފަރު، އަލަނާސިގެ ޝާހިދު ޢަލީ (35އ) ގެ އިތުރުން ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ގަނދަކޯޅިމާގެ މުޙައްމަދު ނިޔާޒް (43އ) އާއި ސ. މީދޫ، މީރާޒް މުޙައްމަދު ޝިރާރު (34އ) އެވެ.

މިމީހުންގެ ތެރެއިން ޏ. ފުވައްމުލައް، ދަޑިމަގު. ދަނޑިމަގުގެ އިބްރާހިމް ޢަބްދުއްރަޙުމާނަށް 5 ދުވަހުގެ މުއްދަތަށް ވަނީ ގޭބަންދަށް ދޫކޮށްފައެވެ. ނ. މާފަރު، އަލަނާސިގެ ޝާހިދު ޢަލީ އަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ދެން ތިބި އެންމެން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މާލޭގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއްނިންމުމަށްޓަކައި ކޯޓަށް ގެންދިޔުމުން ދޫކޮށްލާފައިވާ މީހުންނަކީ ނ. މިލަދޫ، ފެހިވިލާގެ މުޙައްމަދު އިބްރާހިމް (53އ) އާއި ގދ. ތިނަދޫ، އޯކިޑްވިލާ މުޙައްމަދު ޒާހިރު (39އ) ގެ އިތުރުން ކ. ގުރައިދޫ، ފައިވްރޯސް އިބްރާހިމް ޝާޒް (32އ) ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ލަޓިބުރިތައް ހިފައިގެން ސަލާމަތީ ބާރުތަކާ ކުރިމަތިލުމާއި މާރާމާރީ ހިންގަން މަސައްކަތްކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިކަން ވުމާއި ގުޅިގެންނެވެ.

ފުލުހުން މިހެން ބުނެފައި ވިޔަސް އެމްޑީޕީން ބުނެފައިވަނީ އެޕާޓީއަކީ ލަޓިބުރި ހިފައިގެން މުޒާހަރާ ކުރާ ޕާޓީއެއް ނޫން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :