ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފި
އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންވަނީ އެމީހާގެ ވީޑިއޯ އާއި އަދި ފޮޓޯވެސް އާންމު ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އެމީހާވަނީ ބެރިގޭޑްތައް ފޫއަޅުވާލުމަށްފަހު ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެފައެވެ. އަދި ޗާންދަނީމަގު އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަރުކޮށްފައި ހުރި ސީ.ސީ.ޓީ.ވީ ކެމެރާއަށް ގެއްލުންދީ ހަލާކުކޮށްފައެވެ. އަދި އެސަރަޙައްދުގައި އަމަން ބަލަހައްޓަން ޙަރަކާތްތެރިވި ފުލުހުންނަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ މާރާމާރީ ހިންގާފައިވާ ކަމަށްވެސް އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓަށް އަންގަވައި ދެއްވުމަށްވެސް ފުލުހުންވަނީ އެދިފައެވެ. އެތަނަށް ގުޅޭނެ ނަންބަރަކީ 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 ކަމަށްވެސް ފުލުހުންގެ ވެބްސަިއޓުގައި ބުނެފައވެއެވެ.
މި މީހާއާބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ..
ކިޔުންތެރިންގެ ހިޔާލު