މުޅި ގައުމު އިންތިޒާރު ކުރަމުން އަންނަ ޝަރީޢަތުގެ ނިމުން
މިއަދަކީ ރާއްޖޭގެ މުޅި ތާރީޚުގައި ފާހަގަ ކުރެވޭ ހުކުމެއް ކުރަން ތާވަލު ކޮށްފައިވާ ދުވަހެކެވެ. މި ހުކުމަކީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި އިންޖަހައިދޭނެ ހުކުމެކެވެ. ޑިމޮކްރަސީއޭ ކިޔާ ދަތުރުގައި ދިވެހިރާއްޖެ އޮތް ޕޮއިންޓް މި ހުކުމުން ދައްކައިދޭނެއެވެ. ގާނޫނުގެ ވެރިކަމެއް އަށަގެންނެވުމަށާއި އިންސާނީ ކަރާމަތަށްޓަކައި ދިވެހިންވީ ގުރުބާނީގެ ނަތީޖާ މި ހުކުމުން ދައްކައި ދޭނެއެވެ.
މިއިން އަންގައިދޭނީ ދެކަމަކުން އެއްކަމެވެ. މިހާތަނަށް އޮހޮރުނު ލެޔާއި ދަލުގެ އަގުން ހާސިލް ކުރެވިފައިވާ އެއްޗެކެވެ. ނުވަތަ އަދިވެސް މިރޮނގުގައި ވާންޖެހޭ ގުރުބާނީ ތަކުގެ ބޮޑުކަމެވެ. މި ދެގޮތުން ކޮންމެ ގޮތަކަށް ނިމުނަސް މި ނިންމުމުގެ އަސަރު މުޅި އާބާދީއަށް ކުރާނެއެވެ. އިއްވޭ ނިޔާއާ މެދު ހިތަށް ފިނިކަމެއް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ މައްޗަށް އަސަރުކުރާނެއެވެ. މި އަސަރުގެ މައްޗަށް ގައުމުގެ ހެލިފެލިވުން އަންނައިރު އޭގެ ނަތީޖާ އަކީ މިހާތަނަށް ވަޒަންކޮށްލަން ލިބިފައިވާ އެއްޗެއް ނޫނެވެ. ތަޖުރިބާ ކުރެވިފައިވާ އެއްޗެއް ނޫނެވެ. އެހެންކަމުން މި ހުކުމް ވެގެންދާނީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް އެންމެ ގިނަ ބަޔަކު އޭގެ ނަތީޖާއަށް އިންތިޒާރުކުރާ ހުކުމް ކަމުގައެވެ. މި އިންތިޒާރުތަކުގެ ނިމުން އަންނަގޮތުން ގައުމަށް ލޮޅުން އައުން ނުވަތަ ހަމަޖެހުން އައުމަކީ އޮތްކަމެކެވެ.
ރާއްޖޭގެ މިޒާތުގެ ކަންކަން ވަޒަންކޮށް ވަކި ނަތީޖާއެއް ލަފާކުރުމަކީ ދަތިކަމެކެވެ. ކަންކަން ލަފާކުރެވެނީ ސަބަބުގެ މައްޗަށް ބިނާވެގެންނެވެ. ނަމަވެސް ރާއްޖޭގެ ފިކުރަށް އަންނަ އަވަސް ބަދަލާއި ކަންކަން މާނަކުރުމުގައި ބާރުގަދަ ފަރާތްތަކުން ގެންގުޅޭ އެކަހެރި މާނަކުރުންތަކާއި މަގުސަދާ ދުރަށްގެންދާ ޝަރަހަތަކަކީ ރާއްޖޭގެ މަސްރަހުން ފެނިފައިވާ ކަންކަމެވެ. މިއުސޫލުން ކަންކަން ނިމިފައި ހުންނަނީ އެކަށީގެންވާ ސަބަބުގައި ހިފައިގެން ކަމަށް ނުބެލޭ ހާލަތު ގިނައެވެ. އެހެންކަމުން ކަންކަން ލަފާކުރާ މީހުން ވަކިގޮތަކަށް ބުރަވުމުގައި ހިފަން އޮންނަ ދުނިޔެ ދަންނަ އުސޫލު މާކަ ގިނައެއްކޮށް ރާއްޖެއަކު ނޯވެއެވެ. އެހެންކަމުން އޮތީ ހަމައެކަނި ހީކޮށްލުމެވެ.
ދައުލަތެއްގެ ބޭނުމަކީ ރައްޔިތުންގެ އާބާދީ އެބައެއްގެ ސަރަހައްދުގައި ހަމައިގެ މަތީގައި އިންތިޒާމު ކޮށްދިނުމެވެ. އޮތް ހާލަތަކަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސް ދިނުމެވެ. ގާނޫނުގެ ބޭނުމަކީ ދިރިއުޅުމުގެ ކަންކަން މުޖުތަމައުގައި އިންތިޒާމު ކޮށްދިނުމެވެ. އެންމެނަށް އެއް އުސޫލަކުން ކަންކަން ވުމާއި އިންސާފު ލިބުމުގެ ކަށަވަރުކަން ދިނުމެވެ. ޝަރީއަތުން ހާސިލްވަނީ އިސްވެ ދެންނެވި ދެ އިންތިޒާމުން ބޭރުވާ ކޮންމެ ކަމެއް އެ އިންތިޒާމުގެ ތެރެއަށް ގެނެސްދިނުމުގެ މަގުސަދެވެ. މި އުސޫލުން ބަލާއިރު ވޯޓުގެ މައްސަލާގައި މިއަދު ކުރެވޭ ހުކުމާމެދު ހެޔޮކޮށް އުންމީދު ކުރާންޖެހެއެވެ. ގާނޫނުގެ މަގުސަދާ އެއްގޮތަށް ހުކުމް ކުރެވިގެން އަންނާނީ މުޅި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާ ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށް ގަބޫލުކުރާންޖެހެއެވެ.
މިއަދަކީ އިއްޔެ އެއް ނޫނެވެ. މިއަދަކީ ދިވެހި ރައްޔިތުން އަލަށް ލިބިގަތް ގާނޫނު އަސާސީއިން މިންތައް ހެޔޮވަރު ކުރެވިފައިވާ އިޖުތިމާއީ ނިޒާމެއް އޮތް ދުވަހެކެވެ. އދ. ގެ ކުޑައިގެ ދަށުން ދުނިޔޭގެ ރައްޔިތުކަމުގެ ހައިސިއްޔަތު ލިބިގެންވީ ދުވަހެވެ. އެހެންކަމުން މި ތަހުޒީބުގެ ތެރެއަށް ދިވެހިންގެ ގަދީމީ ބުނުންތަކާއި ސަގާފީ ފިކުރުތަކެއް ނުހިނގާނެއެވެ. ލަކުޑިގަނޑު މާވަޑިޔާ ހިތެކޭ ބުނާ ފަދައިން ނިޔާ ފަނޑިޔާރާ ހިތެކޭ ނުބުނެވޭނެއެވެ. މިއަދުގެ އެއްވެސް އެއްޗެއް އެއީ އެކަކަށް ވެސް ހިތްހިތަކަށް ލިބިފައިވާ އެއްޗެއް ނޫނެވެ. މިއަދުގެ ކޮންމެ އެއްޗަކީ އެކަކު އަނެކަކުގެ މައްޗަށް ފާރަވެރިވުމުގެ ޒިންމާ މަތިކުރެވިފައިވާ އެއްޗެކެވެ. އެހެންކަމުން މި އުސޫލު އެންމެ ބޮޑަށް ނަގަހައްޓައި ދަމަހައްޓާނޭ ތަނަކީ ޝަރުއީ ދާއިރާއެވެ. އޭގެ ތެރެއިން ވެސް އެންމެ މަތީ ކޯޓެވެ. އެހެންކަމުން އެންމެ މަތީކޯޓްގެ އެންމެ މަތީ ހުކުމާ މެދު އެންމެ ބޮޑުއުންމީދުގައި ރައްޔިތުން އެބަތިއްބެވެ. ސްޕްރީމް ކޯޓުން މިއަދު ކަނޑާ "ލިބާސް" ރައްޔިތުންނަށް ހެޔޮވަރު ވާންޖެހެއެވެ. އެންމެ ތަންކޮޅެއްވެސް ދޫވެގެން ނުވާނެއެވެ. އަދި ބާރުވެގެންވެސް ނުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު