ދެވަނަ ފަހަރަށް ވޯޓުލުމުގެ ފުރުސަތުއޮތް-ހެކިވެރިއެއް

މިމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުލުމުގައި ދެވަނަ ފަހަރަށް ވޯޓު ލުމުގެ ފުރުސަތު އޮތް ކަމަށް ވޯޓު ފޮށްޓެއްގެ ވެރިއަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ހެކިބަސް ދީފިއެވެ.

ޖުމްހޫރީޕާޓީން ސްޕްރީމް ކޯޓަށް ހުށަހަޅައިގެން މިހާރު ގެންދާ މައްސަލައިގެ މިއަދުގެ ޝަރީއަތުގައި އޭނާ ވިދާޅުވީ ވޯޓުލީ ދުވަހުގެ ހެނދުނު 7.20 އެހައިކަންހާއިރު ވޯޓުފޮށި ކަނޑާފައި ހާޒިރުވެ ތިބި މީހުންނަށް ދައްކާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެދުވަހު ވޯޓު ލުމުގެ މަސައްކަތް ފެށި އިރު ބީޕީއާރްއެސް ސިސްޓަމްގައި ވަނީ މައްސަލަ ޖެހިފައި ކަމަށެވެ. އެހެންކަމުން ވޯޓުލީ މީހުން ފާހަގަ ކުރީ ވޯޓުލާ މީހުންގެ ލިސްޓުގައި ކަމަށެވެ. އެއީ ޓްރެއިނިން ދިންއިރު އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވާ ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވީ އެދުވަހު 10:00 އެހައި އިރު ބީޕީއާރްއެސް ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރެވުނު ކަމަށެވެ. އަދި ރަށުން ބޭރުން ވޯޓުލުމަށް ގޮސް ވޯޓުލީ މީހުންގެ މައުލޫމާތު ބީޕީއާރްއެސް ސިސްޓަމަށް އެންޓާ ކުރަން އުޅުމުން ވޯޓުލާންދިޔަ ފަސް މީހުންނަކީ އެހެން ރަށެއްގައި ވޯޓުލާފައިވާ މީހުން ކަމަށް ސިސްޓަމުން ދެއްކި ކަމަށެވެ. އެހެން ކަމުން 10 ވަރަކަށް މިނިޓް ތެރޭގައި އެހެން ރަށަކަށް ގޮސް އެމީހުންނަށް ވޯޓު ލުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އިތުރު ދެމީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެކަކު ބުނީ އޭނާ ވޯޓުލާން ދިޔުމުން އޭނާ ވޯޓުލާފައިވާ ކަމަށް އެފޮށީގެ ކައިރީގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ ވެރިއަކު ވިދާޅު ކަމަށެވެ. އަދި އޭނާ ވޯޓުލާފައިވާ ކަމަށް ލިސްޓުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެކަމާ މެދު ސުވާލު ކުރުމުން އެބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހު ވޯޓު ލުމުގެ ފުރުސަތު ދެއްވި ކަމަށެވެ.

  މިއަދުގެ ޝަރީއަތުގައި ސިއްރުން ހެކިބަސް ދިން ތިން މީހުންގެ ތެރެއިން ދެ ހެކިބަސް ދިންމީހާ ބުނީ އޭނާ ދިޔައީ ދާއިމީ އެޑުރޭހުގައި ވޯޓުލުމަށް ކަމަށެވެ. އެއީ އޭނާ އެހެން ތަނެއްގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ނުވާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ވޯޓުލާން ދިޔުމުން އެފޮށީގައި އޭނާގެ ނަން ނެތްކަމަށް އެންގި ކަމަށެވެ. އެހެން ކަމުން އޭނާއަށް ވޯޓު ނުލެވޭނެ ކަމަށްވެސް އެންގި ކަމަށެވެ. އަދި ފަހުން ވޯޓުލެވޭނެ ކަމަށް އަންގާފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

އިލެކްޝަނުން އެގޮތަށް އަމަލު ކުރިކަމަށް ވިޔަސް އިންތިޚާބު ފެށުމުގެ ކުރިން ޕީޕީއެމް އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެކޯޓުން ހުކުމް ކުރައްވާފައިވަނީ އެ މީހަކު ރަށްވެހިވެފައިވާ ރަށުގައި ހުންނަ ވޯޓު ފޮށްޓަށް ވޯޓުލާން ދިޔުމުން އެމީހަކަށް ވޯޓުލުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :